ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމް "ސްޕައިޑަރމޭން: ފާ ފްރޮމް ހޯމް"ގެ ޓީޒާ ޓްރެއިލާ އިއްޔެ ދައްކާލައިފި އެވެ.
އެ ޓްރެއިލާ އިން މާވެލް ސިނެމެޓިކް ޔުނިވާސް އަށް އަލަށް ތަޢާރަފްވެގެންދާ ތަރިއަކީ 'މިސްޓީރިއޯ'ގެ ރޯލުން ޖޭކް ޖިލެންހޯލް އެވެ.
މި ޓްރެއިލާ ފެށެނީ ޕީޓާ ޕާކާ (ޓޮމް ހޮލޭންޑް) ޕަބްލިކް އިވެންޓެއްގައި ބައިވެރިވުމަށްފަހު އޭނާގެ ރަހުމަތްތެރިންނާއެކު ޔޫރޮޕް އަށް ޗުއްޓީ ހޭދަކޮށްލަން ދާ ހިސާބުންނެވެ. ޕީޓާ ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ނިކް ފިއުރީ (ސެމުއެލް އެލް. ޖެކްސަން) އައިސް ޕާކާ އާއި އާ މިޝަން އެއް ހަވާލުކުރެއެވެ.
މި ޓްރެއިލާ އިން ސްޕައިޑަރމޭންގެ ދުޝްމަނެއް ކަމުގައިވާ މިސްޓީރިއޯ، 'ހައިޑްރޯ-މޭން' ކިޔާ އެހެން ވިލަން އަކާއެކު ހަނގުރާމަ ކުރާ މަންޒަރު ފެނެއެވެ.
"ފާ ފްރޮމް ހޯމް" އިން އެނގިގެންދާ ގޮތުގައި ތޭނޯސްގެ ކިބައިން "އެވެންޖާސް: އެންޑްގޭމް"ގައި ޕީޓާ ޕާކާ އާއި ނިކް ފިއުރީ ސަލާމަތްވާނެ ކަމެވެ.
"އެންޑްގޭމް" އަންނަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު، "ސްޕައިޑަރމޭން: ފާ ފްރޮމް ހޯމް" ރިލީޒް ކުރާނީ ޖުލައި މަހުގެ 5 ވަނަ ދުވަހު އެވެ.