ރާއްޖޭގައި ކައްކާ ގޭސް ވިއްކާ ދެ ކުންފުނިކަމުގައިވާ ވިލާ ގޭހާއި މޯލްޑިވް ގޭސްގެ އިސް ބޭފުޅުންނާއި، އެމްއެންޑީއެފް އިން މިއަދު ބައްދަލުކޮށްފި އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑު ކޮންފަރެންސް ހޯލުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ގޭހުގެ ސަބަބުން ހިނގާ ހާދިސާތައް އިންވެސްޓިގޭޓް ކުރުމުގައި، ގޭހުގެ ޚިދުމަތްދޭ ފަރާތްތަކާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ދެ ފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި، ގޭސް ލީކުވުމާއި، ގޭހުގެ ސަބަބުން ހިނގާ އަލިފާނުގެ ހާދިސާތަކާއި ބެހޭ ތަފާސް ހިސާބުތައް އެފްއާރުއެސްގެ ފަރާތުން ހުށަހަޅައިދީފައިވެއެވެ. އަދި، އެފްއާރުއެސްއިން ހަރަކާތްތެރިވާ ގޭހުގެ ހާދިސާތަކުގެ ތެރެއިން، ގޭސް ފުޅި ލީކުވާ ހާލަތްތަކުގައި ހިނގާފާނެ ހާދިސާތަކުގެ ނުރައްކާ ބޮޑުކަން ފާހަގަކޮށް، އެކަމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން، ގޭހުގެ ޚިދުމަތް ދިނުމުގައި ގޭސް ފުޅީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި، އަދި އިތުރަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުންނާއި، ގޭހުގެ ސަބަބުން ހިނގާ ހާދިސާތަކަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ބެހޭގޮތުން ވެސް ދެ ފަރާތުން ވަނީ މަޢުލޫމާތު ހިއްސާކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމާއި، ޑެޕިޔުޓީ ކޮމާންޑަރ މޭޖަރ މުޙައްމަދު ނަދީމް އިބްރާހީމާއި، މާލޭ ފަޔަރ ސްޓޭޝަންގެ ހެޑް، ވޮރަންޓް އޮފިސަރ 2 އަޙްމަދު ނަޝީދު އަދި އެފްއާރުއެސްގެ ހެޑް އޮފް ފަޔަރ ޕްރިވެންޝަން ޑިޕާޓްމަންޓް، ވޮރަންޓް އޮފިސަރ 1 މުއައްމަރު މުޙައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.
އަދި، ވިލާ ގޭހުގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް މުޙައްމަދު ރަޝީދާއި، ވިލާ ގޭހުގެ ސޭލްސް މެނޭޖަރ، އަލްފާޟިލް ޔާމީން ޙަބީބުގެ އިތުރުން، ވިލާ ގޭހުގެ ހެޑް އޮފް ސޭލްސް، އަލްފާޟިލް ބާސިލް ނަފީސް އާއި މޯލްޑިވް ގޭހުގެ އެސިސްޓެންޓް އޮޕަރޭޝަންސް މެނޭޖަރ، އަލްފާޟިލް ޢަބްދުލް ވާރިސް އަދި، މޯލްޑިވް ގޭސް، ތިލަފުށީގެ ސީނިއަރ އޮފިސަރ، އަލްފާޟިލް ޢަލީ ސިނާން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.