Last Updated: November 28, 21:08
Friday, November 29, 2024
ޚަބަރު

ފައިރޫޝް، ފުލުހުންގެ ވަޒީފާ އަށް ނުކުންނަވަން ފައްޓަވައިފި

ކުރީގެ އޭސީޕީ އަބްދުﷲ ފައިރޫޝް - ފޮޓޯ: ރާއްޖެއެމްވީ

ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާ އަށް އަލުން ނުކުންނަވަން ފައްޓަވައިފި އެވެ.

އޭސީޕީގެ މަޤާމުގައި ހުންނަވައިގެން ކުރެއްވި ޓްވީޓަކާ ގުޅިގެން 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ވަޒީފާއިން ވަކިކުރި ފައިރޫޝް އަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމް ކުރީ މިދިޔަ ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހު އެވެ.

2014 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން އޮސްޓްރޭލިއާ އަށް ދިރިއުޅުން ބަދަލުކުރައްވާފައިވާ ފައިރޫޝް މަގާމުން ވަކިކުރީ ނޯޕޭ ލީވް ނަންގަވައިގެން ސްކޮލާޝިޕެއްގައި އޮސްޓްރޭލިއާގައި ކިޔަވަން ހުންނަވަނިކޮށެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ފައިރޫޝް ވަނީ މިހާރު ޕީއެޗްޑީ ފުރިހަމަ ކުރައްވާފައެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑު ހިންގުން ވަގުތީ ގޮތުން ފައިރޫޝް އާއި ވަނީ ހަވާލުކޮށްފަ އެވެ.