Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

"ފަތުރުވެރިން އިތުރުކުރަން އާ މާކެޓުތަކަށް އަމާޒުކުރާނެ"

މިނިސްޓަރު އަލީ ވަހީދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ: ފޮޓޯ - އަވަސް

ނިމިގެން ދިޔަ އަހަރު ދިވެހި ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން އައިސްފައިވާ ކަމަށާއި މިއަހަރު އެ އަދަދު އިތުރުކޮށް ރެކޯޑު އާކުރަން އަމާޒު ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީގެ މައުލޫމާތުތައް އާންމުކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ، ފަތުރުވެރިން އިތުރުކުރުމަށް އާ މާކެޓުތަކަށް ވެސް ދިވެހި ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓު ކުރަން ރާވާފައިވާ ކަމަށެވެ.

އެގޮތުން ދެކުނު އެމެރިކާއާއި އުތުރު އެމެރިކާ ބައްރުގެ ގައުމުތަކަށް ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސައުތް އެފްރިކަންގެ ބޯޓުތައް ޖައްސަން ފެށުމުން އެފްރިކާގެ ޖޯނާސްބާގް ފަދަ މަގުބޫލު މަންޒިލުތަކަށް ވެސް އަމާޒު ކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހިން އާންމުކޮށް ޗުއްޓީ ހޭދަކޮށްލުމަށް ގޮސް ހަދާ މެލޭޝިޔާ، ސިންގަޕޫރު ހިސާބުގެ ފަތުރުވެރިން ގިނަ ކުރުމަށް މިނިސްތްރީން ބޭނުންވާ ކަމަށް އަލީ ވަހީދު ވިދާޅުވެފައިވެއެވެ.

ސީދާ އަދަދެއް ދަންނަވަން ބޭނުންފުޅު ނުވާ ކަމަށާއި މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށް، ނޫސްވެރިޔަކު އަދަދެއް ވިދާޅުވާނެތޯ ސުވާލު ކުރުމުން އަލީ ވަހީދު ޖަވާބު ދިނެވެ. އަދަދެއް ކަނޑައެޅުމުގެ ބަދަލުގައި އަމަލުން އެކަން ދެއްކެވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުވެސް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެއް ގައުމަކުން ރާއްޖެ އައިސްފައިވަނީ ޗައިނާއިން ކަމަށެވެ. އަދި ޖަރުމަނު ވިލާތުން ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އެއް ބައްރަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ޔޫރަޕުންނެވެ.