(މެއި 27، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
"ތަކުރާ. އަހަރެންނަކީ މިއަދު ކާކު ކަމެއް މި މީހުނަކަށް ނޭގޭނެ. އެކަމަކު ކަލެއަށް އެނގިއްޖެ ދޯ. އަަހަރެން ލޯ ވެސް އަނދިރި. އަހަރެންނަކަށް މިއަދު ކަލޭ ނުވެސް ފެނޭ. އެވަރުން ވެސް ކަލެއަށް އަހަރެން ފާހަގަ ކުރެވިއްޖެ ދޯ. ކަލޭތީ ރަނގަޅު އެކުވެރިއެއް." ސާހިލްގެ ލޮލުން ކަރުނަ އޮހެމުން ދިޔަ އެވެ.
އެވަގުތު ވިއާމާ ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. ހަމަ އެހިނދު އެ ގުރާ ވެސް އުނދުހިގެން ހިނގައްޖެއެވެ. ވިއާމާ ހިނދުކޮޅަކު ހުރެލާފައި ސާހިލް އަށް ގޮވާލި އެވެ.
"ސާޙިލް މާދަމާ ރެކޯޑިން އަށް ދާން އަންގާފަ އެބަ އޮތް ގައިމު މި ފަހަރު ސާހިލް ތީ މަޝްހޫރު ލަވަކިޔުން ތެރިއެއް ކަމަށް ވާނެ."
މި ވާހަކަ އަށް ހިނިތުން ވުން ފިޔަވާ ސާހިލް އެހެން ކަމެއް ނުކުރެ އެވެ.
ޖެހިގެން އައި ދުވަހު ސާހިލް ވަރަށް ފުރިހަމަ އަށް ތައްޔާރުވި އެވެ. ތުނބުޅި ވެސް ތުނިކޮށް ރީތި ގަމީހަކާއި ފަޓުލޫނެއް ލި އެވެ. ސާރާ ސާހިލް އަށްޓަކައި ހުރިހާ ތައްޔާރީއެއް ކޮށްފައި ހުއްޓެވެ. ރީތި ގަމީސްތަކާ ފަޓުލޫނުތައް އަޅާފައިވާ ކަނބަޑެއް ފުރާލާފައި ހުއްޓެވެ.
އެއިން ކޮންމެ އެއްޗަކުން ސާރާ ގެ ހިތުގައި ސާހިލް އާ މެދު ވާ ލޯބި ފާހަނގަ ވެ އެނގެން ހުއްޓެވެ. ވިއާމާގެ ހިތުގައި އަދިވެސް މޯޅިއަކަށް ހަސަދަ ވެރިކަމެއް އުފެދިފައި ހުއްޓެވެ،
ނަމަވެސް ހިނިތުންވު މާއެކު އޭނާގެ އެކުވެރިޔާ އަށް ވެފައިވާ ވަޢުދު ފުރިހަމަ ކުރަމުން ދިޔަ އެވެ. އެންމެ ބޮޑު ސަބަބަކީ އޭނާގެ ހިތުގައި ވެސް ސާހިލް އާ މެދު ލޯބީގެ ޖަޒްބާއެއް އުފެދިފައިވާ ކަމެވެ.
ސާހިލް ސްޓޫޑިޔޯ އަށް ދިޔުމާ އެކު އެންމެން އޭނާ އަށް ހޫނު މަރުހަބާއެއް ކިޔެވެ. އަދި ލަވައިގެ ރެކޯޑިން އާ ބެހޭ ގޮތުން ސާހިލް އާ ވަރަށް ދިގުކޮށް އެ މީހުން ވާހަކަ ދެއްކި އެވެ.
"މާ ބޮޑަކަށް ޝައުގު ވެރިވެލައްވާނެހެނެއް ހިއެއް ނުވޭ؟" ވިޝާމް ސާހިލް މާ މަޑުން އިންނާތީ އަހާލި އެވެ.
"ނޫނޭ…އެހެންވީކީ ނޫން. އަހަރެން ހިތަށް އަރަނީ އަހަރެންނާ މެދު މިހާ ބޮޑު ކަމެއް މި ކުރަނީ ކާކު ބާއޭ؟" އެވަގުތު ވިއާމާ ފަހަތުގައި ހުރެލާފައި ނުބުނާށޭ ބުނާހެން އިޝާރާތްކޮށްލި އެވެ.
އެވަގުތު ވިޝާމް އާއި ފައިސަލް ވެސް އާނއެކޭ ބުނާހެން ބޯ ހަރަކާތްކޮށްލި އެވެ.
ސާހިލް ގެ ފުރަތަމަ ރެކޯޑިން ގަޑީގައި ވިއާމާ ސާރާ އަށް ގުޅާލިއެވެ. ސާރާ ފޯނުން ސާހިލް ގެ ފުރަތަމަ ރެކޯޑިން އަޑު އަހަމުން ދިޔައިރު ލޯ އުފަލުން ވިދަމުން ދިޔަ އެވެ.
"ދިރިއުޅުމަކީ ފާޑެއްގެ ކިޔައދޭ ލަވައެކޭ ބުނެވިދާނެ ހެއްޔެވެ؟
ދިރިއުޅުމަކީ ކޮންމެ މީހަކަށް ވެސް ބޭނުން ކަމެކެވެ.
ދިރިއުޅުމަކީ ވޭނަކަށް ވިޔަސް ހިނިތުންވެފައި އެކަމާ ކުރިމަތިލާން ޖެހެ އެވެ.
ދިރިއުޅުމަކީ އިހުސާސެކެވެ. ފުޑުފުޑު ވިޔަސް ހިނިތުންކަމާ އެކު ކުރިމަތިލާން ޖެހެ އެވެ.
ދިރިއުޅުމުގައި ބޭވަފާ ތެރިން ގިނަ ވިޔަސް އަހަރެމެން ކެތްކުރަން ޖެހެ އެވެ.
ދިމާވާ އަތަކީ ހިތި ހަތިޔާރަކަށް ފުދެނީ ކާކަށް ހެއްޔެވެ؟
ހިނިތުންވުން ލިބެނީ ކިތައް ހިތަށް ހެއްޔެވެ. ދިރިއުޅުމަކީ ފާޑެއްގެ މެހެމާނެކެވެ. ހިނިތުން ކަމާ އެެކު ކުރިމަތިލާށެވެ."
ސާހިލް ގެ ލަވަ ނިމެންދެން ވިޝާމްމެން ތިބީ ހައިރާން ވެފަ އެވެ.
"މިހާ ގިނަ ދުވަސް ވަންދެން ގެއްލިފަ ހުރީ ކޮން ތާކު؟" ވިޝާމު އަހާލި އެވެ.
"ވިއާމާ…ސާހިލް ގެ އަޑު އަހަރެންނަށް އިއްވަ ދިނީތީ ޝުކުރު ވެރިވަން. ކުރިއަށް ހުރި ކަންތައްތައް އަހަރެން އަންގާނަން. މި ވަގުތަށް ބާއްވާނީ." ސާރާ ފޯނު ބޭއްވީ ހިނިތުންވުމަކާ އެކުގަ އެވެ.
ހުސްނާ އުނދޯލި ގޭގައި އިނީ ފުން ވިސްނުމަކަށް ގެއްލިފަ އެވެ. އެވަގުތު މުރާދު ބޭރުން ގެއަށް އައިސް ވަނެވެ. އަދި މަންމަ އެކަނި އިންތަން ފެނިފައި މަންމަ ކައިރިއަށް އައިސް އިށީނދެއްޖެ އެވެ.
"މަންމަ މާ އެކަނި ކިހިނެއްތޯ ވީ އަނެއްކާ؟"
"ބައްޕަ ވެސް ނިދިކުރައްވާފަ އޮތީމާ މަޑުކޮށްލައިގެން އިނީ ހަމަ. އެކަމަކު ދަރިފުޅު ކައިރީ މަންމަ ވާހަކައެއް ބުނަން ބޭނުން ވެގެން ނުބުނެވިގެން އުޅޭތާ ލައްކަ ދުވަސް ވެެއްޖެ." ހުސްނާ މުރާދު ގެ ކަކޫ މަތީ އަތް ބާއްވާލަމުން ބުނެލި އެވެ.
"ދަރިފުޅާ. މަންމަމެން މީރާ އާ ވަރަށް ޤަބޫލު. އެއީ މިފަދަ ޒަމާނެއްގަ ނުފެންނާނެ މިސާލެއް ނެތް ފަދަ އަންހެން ކުއްޖެއް. ހަމަ ގައިމު ދަރިފުޅުގެ ދުނިޔެ އޭނާ އުޖާލާކޮށްދޭނެެ. ނާހިދާ ގެ ހަނދާންތަކުން ދަރިފުޅު ދުރުވެ ފުރިހަމަ ކަމެއް ދަރިފުޅަށް ލިބޭނެ ކަން މަންމަ އަށް ގައިމު." ހުސްނާ މި ވަރަށް ވާހަކަ ދެއްކި އިރު ވެސް މުރާދު އަނގައިން ވެސް ނުބުނެ އެވެ.
"ދަރިފުޅާ…ދަރިފުޅުގެ ހިމޭންކަމުގެ މާނައަކީ އާއެކޭ މަންމަ ގަބޫލު ކުރަންވީތަ؟" އަނެއްކާ ވެސް ހުސްނާ އަހާލި އެވެ.
"މަންމަ މީރާ ކައިރީން އަހާލީމުތަ؟" މުރާދު ބުނެލި އެވެ.
(ނުނިމޭ)