އެމްޑީޕީން މިފަހަރު ވެސް ވެރިކަން ކާމިޔާބު ކުރެއްވުމަށް ޖުމުހޫރީ ޕާޓީ އެއްލާލައްވައިފި ކަމަށާއި މަގުމަތިކޮށްލުމުން އަނެއްކާވެސް ސަލާން ޖަހަން ޖެހިއްޖެ ކަމަށް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީތައް މިއަދު ބާއްވާފައިވާއިރު ގާސިމްގެ އަސަރުގަދަ ދެ ޓުވީޓެއް ކައިރި ކައިރީގައި ފޮނުވާލާފައިވާއިރު އެމްޑީޕީއަށް އަނެއްކާވެސް ފާޑުވިދާޅުވެފައިވެއެވެ.
ގާސިމް ވިދާޅުވީ އެމްޑީޕީން ޖޭޕީ އެއްލާލުމުން އަނެއްކާވެސް އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން މަޖިލިސް އިންތިޚާބުގައި ނިކުތުމަށް މަޝްވަރާ ފަށަން ޖޭޕީން އޮތީ ތައްޔާރަށް ކަމަށެވެ.
އަދި އޭގެ ކުރިން މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް ކުރެއްވި ޓުވީޓެއްގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމި ހިސާބުން ވައުދާއި ޚިލާފުވެފައިވާ ކަމަށާއި އެހެންކަމުން ކޯލިޝަންގައި ހިމެނޭ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕު އުވާލަން އެމްޑީޕީން އުޅޭ ޚަބަރު އިވުމުން ހައިރާނެއް ނުވޭ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.