ސިންގަޕޫރުގެ ކްރެސެންޑާސް އާ ހަވާލުކޮށްގެން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ހަންކެޑެއިގެ ޓެކްނިކަލް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި މާ ލަސްތަކެއް ނުވެ އެތަނުގެ މަސައްކަތް ފެށޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ބުރާސްފަތި ދުވަހު ވިދާޅުވީ ހަންކެޑެއިގެ މަގު ބަދަލު ކުރުމާ ގުޅޭ ޑިޒައިންތަކާއި ޓެކްނިކަލް އެހެން މަސައްކަތްތައް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އެހެންވެ އީއައިއޭ އަށް އެޕްރޫވަލް ލިބުމާ އެކު މަސައްކަތް ފެށިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަންކެޑެއިގެ އިރުމަތީ ފަރާތުގައި އޮތް ލިންކް ރޯޑް އެ ރަށުގެ ހުޅަނގު ފަރާތަށް ބަދަލު ކުރަން ކްރެސެންޑާސް އިން ބޭނުންވެ އެވެ. އެހެންވެ އެ މަަސައްކަތްކޮށްދޭ ގޮތަށް ސްރީ ލަންކާގެ އިންޓަނެޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމް (އައިސީސީ) އިން ވަނީ އެއްބަސްވެފަ އެވެ.
އެ ކުންފުންޏަކީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑު މަގު ތާރު އަޅައިގެން ހަދަމުން އަންނަ ކުންފުންޏެވެ. އެ މަސައްކަތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވުމާ އެކު ހަންކެޑެއިގެ މަގު ބަދަލު ކުރަން އައިސީސީން ފަށާނެ އެވެ.
ކްރެސެންޑާސް އިން ހަންކެޑައިގައި ތަރައްގީ ކުރަނީ 100 ކޮޓަރީގެ ރިސޯޓެކެވެ. އަދި މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގަިއ މަސައްކަތް ނިންމައި 2014 ގެ ކުރީކޮޅު އެ ރިސޯޓް ހުޅުވާނެ އެވެ.