ސަރުކާރު ހިންގާ ކޯލިޝަން ރޫޅުނަނުދީ ދެމެހެއްޓުމަކީ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކޯލިޝަންގެ ހަތަރު ލީޑަރުންގެ ގައުމީ ވާޖިބެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ހަތަރު ލީޑަރުންގެ ތެރޭގައި މައުމޫން ހިމެނިވަޑައިގަންނަވާއިރު ފަހަކަށް އައިސް މައި ޕާޓީ އެމްޑީޕީއާ ޖޭޕީއާ ދެމެދު ބޮޑު ކޯޅުންގަނޑެއް ވަނީ އުފެދިފައެވެ. ދެޕާޓީގެ ލީޑަރުން އާންމު ޖަލްސާތަކުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އަމާޒުކޮށް ނުސީދާކޮށް ފާޑުވިދާޅުވަމުން ގެންދިޔައެވެ.
އަދި ރޭ، އެމްޑީޕީގް ޕްރައިމަރީގެ ނަތީޖާތައް އިއުލާން ކުރެވެމުން ދަނިކޮށް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވަނީ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން އަހުދާ ހިލާފުވެފައިވާތީ އެހެން ޕާޓީތަކާ އެކު ކޯލިޝަނެއް ހަދައި (އެމްޑީޕީ އާ ދެކޮޅަށް) މަޖިލިސް އިންތިޚާބުގައި ނިކުންނާނެ ކަން އިއުލާން ކުރައްވާފައެވެ.
ކުރީގެ ރައީސް ޔާމީނާއެކު އަލުން ގާސިމް ކޯލިޝަން ހަދަން އުޅޭ ކަމުގެ އަޑު ފެތުރިފައިވަނިކޮށް ރައީސް މައުމޫން ވަނީ ކޯލިޝަން ދެމެހެއްޓުމުގެ މުހިންމުކަމަށް އަލި އަޅުވާލާފައެވެ. އެމަނިކުފާނު ވަނީ ޕާޓީތަކުގެ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސް ކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ.