ޖަރުމަން ބުންޑަސްލީގާގައި ރޭ ރަށުން ބޭރުގައި ހޮފެންހައިމް އަތުން 3-1 އިން މޮޅުވެ ދެވަނައިގައި އޮތް ބަޔާން މިއުނިކް ވަނީ ލީގުގެ އެއްވަނައިގައި އުޅޭ ބޮރޫޝިއާ ޑޯޓްމަންޑް އާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ.
ބަޔާން އަށް އިތުރަށް އެއް މެޗު ކުޅެގެން 39 ޕޮއިންޓް ލިބިފައިވާއިރު އެއްވަނައިގައި އޮތް ޑޯޓްމަންޑަށް 17 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. ތާވަލްގެ ތިންވަނައިގައި 33 ޕޮއިންޓާއެކު ބޮރޫޝިއާ މޮންޗެންގްލަޑްބަކް އޮތްއިރު ހަތަރުވަނައިގައި އޮތް ރެޑްބުލް ލީޕްޒިގް އަށް ލިބިފައިވަނީ 31 ޕޮއިންޓެވެ.
ހޮފެންހައިމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑް ނެގީ ބަޔާން އެވެ. މެޗުގެ 34 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ލިއޮން ގޮރެޓްޒްކާ އެވެ. މިއީ ބަޔާންގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ބޮލުން ފޮނުވާލި ބޯޅައެއް ހޮފެންހައިމްގެ ގޯލްކީޕަރު އޮލިވާ ބައުމަން ދިފާއުކުރަން އުޅެނިކޮށް އަތުގައި ޖެހިފައި ނިކުތްވަގުތު ވަރަށް ހަނިއޭންގަލަކުން ގޮރެޓްޒްކާ ކާމިޔާބުކުރި ގޯލެކެވެ.
ބަޔާންގެ ދެވަނަ ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީވެސް ގޮރެޓްޒްކާ އެވެ. މިއީ އެ ޓީމުން ކުރި ކައުންޓާއެޓޭކެއްގައި ޑޭވިޑް އަލަބާ ނަގައިދިން ރީތި ހުރަހަކުން ގޮރެޓްޒްކާ ޖަހައިދިން ގޯލެކެވެ. މި ހާފު ނިމުނީ 2-0 ގެ ނަތީޖާއަކުން ބަޔާން ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގައި ބަޔާންގެ ލީޑް ފުޅާކުރުމަށް ކިންގްސްލީ ކޯމަން އާއި އަލަބާ އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ހޮފެންހައިމްގެ ކީޕަރު ބައުމަން މަތަކުރިއިރު ގޮރެޓްޒްކާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
މި ހާފުގައި ހޮފެންހައިމްގެ ލިއޮނާޑޯ ބިޓެންކޯޓް އާއި ޖޮއެލިންޓަން އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ދެ ހަމަލާވެސް ބަޔާންގެ ގޯލްކީޕަރު މެނުއެލް ނޯޔާ މަތަކުރިއެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ނިކޯ ޝަލްޒް ވަނީ ހޮފެންހައިމް އަށް ލަނޑެއްޖަހައިދީ ފަރަގު ކުޑަކޮށްދީފައެވެ. މިއީ އެ ޓީމުގެ ބިޓެންކޯޓް ދިން ބޯޅައަކުން ގޯލާއި 18 ވަރަކަށް ޔާޑު ދުރުން ފޮނުވާލައިގެން ޝަލްޒް ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، މެޗުގެ 83 ވަނަ މިނެޓުގައި ހޮފެންހައިމް އަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް އެޑަމް ސަލާއި އަށް ވަނީ ރަނުގެ ފުރުޞަތެއްލިިބި ބޭކާރުވެފައެވެ. ގޯލާއި ވަރަށް ކައިިރިން ސަލާއި ބޮލުން ފޮނުވާލި ބޯޅަ ބަޔާންގެ ކީޕަރު ނޯޔާ ވަނީ މަތަކޮށްފައެވެ.
މެޗުނިމެން ތިން މިނެޓަށްވެފައިވަނިކޮށް، ބަޔާން އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ލެވަންޑޯސްކީ އެވެ. މިއީ އެ ޓީމުގެ ހަމޭސް ރޮޑްރިގޭޒް ތަނަވަސްކުރި ފުރުޞަތަކުން ތޯމަސް މުލާ ދިން ބޯޅައަކުން ލެވަންޑޯސްކީ ކާމިޔާބުކުރި ގޯލެކެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު، ތާވަލްގެ އެންމެ ކުރީގައި އުޅޭ ޑޯޓްމަންޑް އާ ރެޑްބުލް ލީޕްޒިގް ބައްދަލުކުރާ މެޗުގެ އިތުރުން ބަޔާ ލެވަކޫސަން އާ މޮންޗެންގްލަޑްބަކް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.