އިދިކޮޅު ކޯލިޝަނުގައި ރެނދު އަޅާފައިވާ ކަމަށް ސިޔާސީ މާހިރުން ބުނަމުން އަންނައިރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއާއި ރައީސް މައުމޫން ސާބިތުކަން ދައްކަވައިފިއެވެ.
ޖޭޕީން އެމްޑީޕީއާ ދެކޮޅަށް ފާޅުގައި ނިކުމެފައިވާއިރު ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވަނީ އެމްޑީޕީން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕު ރޫޅާލިޔަސް އެމަނިކުފާނު ހައިރާނެއް ނުވާނެ ކަމަށެވެ. އަދި ދެވަނަ ފަހަރަށް އެޕާޓީން ގާސިމް އިބްރާހިމްގެ ޖޭޕީ މަގުމަތިކޮށްލުމުން މިފަހަރު ވެސް މަޖިލިސް އިންތިޚާބުގައި އެހެން ޕާޓީތަކާ ބައިވެރިވާން ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އަދާލަތާއި މައުމޫން، ސަރުކާރުގައި ދެމިތިބުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާއިރު އަދާލަތުން ބުނެފައިވަނީ އެޕާޓީން މަޖިލީހަށް ނިކުންނާނީ ވެސް ކޯލިޝަން ދެމެހެއްޓުމަށް ކަމަށެވެ. އަދި އެޕާޓީން އިންތިޚާބުވާ މެމްބަރުން 19 ވަނަ މަޖިލީހުގައި ތިބޭނީ ސަރުކާރު ކޯލިޝަނުގައި ކަމަށް އަދާލަތު ޕާޓީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.
ރައީސް މައުމޫނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންގެ ފަރާތުން ވެސް ފެނިގެން އަންނަނީ ސަރުކާރު ކޯލިޝަން ދެމެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ތަނެވެ. މައުމޫން ވަނީ މިއަދުވެސް ދެފަހަރު މަތިން ކޯލިޝަން ދެމެހެއްޓުމުގެ މުހިންމު ކަމާ ގުޅޭގޮތުން ވާހަކަ ދައްކަވައި، ވަކިވަކި ޕާޓީގެ ފިކުރަށް ވުރެ ގައުމު އިސްކުރެއްވުމަށް ނަސޭހަތްތެރި ވެފައެވެ.
އެމްޑީޕީ ކޯލިޝަނުން ނިކުމެ މަޖިލިސް އިންތިޚާބަށް އެހެން ޕާޓީތަކާ އެކު މަޝްވަރާ އަށް ތައްޔާރަށް އޮތް ކަމަށް ގާސިމް ވިދާޅުވެފައިވާއިރު ޕީޕީއެމްގެ ކައުންސިލް މެމްބަރަކު ވަނީ ގާސިމް، ކުރީގެ ރައީސް ޔާމީނާއި އެކު ކުރިއަށް ދިއުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.