ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކީ 24 ގަޑި އިރު ހިދުމަތްދޭ އައްޑޫގައި ހުރި ސަރުކާރުގެ ހަމައެކަނި ހޮސްޕިޓަލެވެ. އަބަދުވެސް ބަލި މީހުންނަށް ހިދުމަތް ދެމުން އަންނަ ތަނަކަށް ވީއިރު މިހާރު އާންމުގެ ޝަކުވާއަކީ ހޮސްޕިޓަލުގައި އެސްޓީއޯ ބޭސް ފިހާރަ 24 ގަޑި އިރު ނުހުޅުމުގެ ސަބަބުން ކުރާ ޝަކުވާ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދި ސަދަން ހެލްތު ސާވިސަސް ކޯޕަރޭޝަން (އެސްއެޗްއެސްސީ) އިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގަމުން ދިޔަ ދުވަސްވަރު އެ ކޯޕަރޭޝަނުން ވަނީ ހިތަދޫ ހޮސްޕިޓަލްގައި ބޭސް ފިހާރައެއް ހުޅުވާފަ އެވެ. ނަމަވެސް އެތަނުން ވެސް އެކަށީގެންވާ ގޮތަށް ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ފާޑު ވެސް ވަނީ ކިޔާފަ އެވެ.
އެސްއެޗްއެސްސީ އިން ބޭސް ފިހާރަ ހިންގި އިރު ގިނަ ބޭސްތައް ނެތުމުގެ ޝަކުވާވެސް ކުރަ އެވެ. ބޭސް ސިޓީއެއް ހިފައިގެން ދިއުމުން "2 ބޭސް ނެތް، 1 ބޭސް އެބަހުރި" ޒަމާން ވެސް ގޮއްސި އެވެ.
އައްޑޫގައި ބޭހުގެ ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން އޭރު ބުނަމުން ދިޔައީ ކޯ ޕަރޭޝަނުން ބޭސް ފިހާރަ ހިންގުމުގެ ބަދަލުގައި އެ ހިދުމަތް އައުޓް ސޯސް ކުރި ނަމަ މާ ރަނގަޅު ވީސް ކަމަށެވެ. ނަމަވެސް އެކަން އެ ގޮތަށް ނުކުރީ ސިއްހީ ހިދުމަތް އަސާސީ ހިދުމަތެއްގެ ގޮތުގައި ދިނުމަށް ވުރެ ބޮޑަށް ވިޔަފާރި އަށް ކޯޕަރޭޝަނުން ވިސްނާތީ ކަމަށް އޭރު ފާމަސީ ހިންގާ ބައެއް ފަރާތްތަކުން ބުނެ އެވެ.
ނަމަވެސް އެސްޓީއޯ އިން ހޮސްޕިޓަލުގައި ބޭސް ފިހާރައެއް ހުޅިވި ކަމުގައި ވިޔަސް 24 ގަޑި އިރު ހިދުމަތް ނުދެވޭތީ ގިނަ ބަޔަކަށް ވަރަށް ބޮޑު އުނދަގޫތަކާ ދަނީ ކުރިމަތިވަމުންނެވެ.
އެގޮތުން ބަލާ އިރު ރޭގަނޑު އެކްސިޑެންޓެއް ނުވަތަ އެ ނޫން ވެސް ބޮޑު ކަމެއް ޖެހިގެން ބޭސް ހޯދަން ދާ އިރު ބޭސް ފިހާރަ ބަންދުކޮށްފައި ހުރުމުން ކިހާ ބޮޑު ތަކްލީފެއް އުފުލަން ޖެހޭނެ އެވެ. ހެނދުނު 8:00 ޖަހަން ދެން މި ހާލެއްގައި އުޅެން ޖެހުމަކީ ކިހާ ބޮޑު ވޭނަކަށް އެ ފަރާތަކަށް ވާނެ އެވެ.
އެސްޓީއޯ އިން ކުރިން ބުނަމުން ދިޔައީ 24 ގަޑި އިރު އެއްވެސް ދަތި ކަމެއް ނެތި ބޭސް ފިހާރައިގެ ހިދުމަތް ލިބިގެން ދާނެ ކަމަށެވެ. މިކަމަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ހިދުމަތެއް ކަމުން މިކަމުގައި ވެސް ހައްލެއް ހޯދުމަކީ މިހާރު ވެސް ކުރަން ޖެހިފައިވާ ކަމެކެވެ.