އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހާމަކޮށްފިއެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނާއި ދީނުގެ ނަމުގައި ހަރުކަށި ފިކުރުތައް ފަތުރާ މީހުން ހޯދައި އެމީހުންނަށް ފިޔަވަޅު އެޅޭނެ ކަމަށެވެ. ފަހަކަށް އައިސް ދީނުގެ ނަމުގައި ނުރަނގަޅު ފިކުރުތައް ފަތުރަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ދިވެހިންގެ ތެރޭގައި އޮންނަ ދީނީ އެއްބައިވަންތަކަމަށް ފުށޫ އަރަމުންދާތީ އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށެވެ.
ފުލުހުން ވެސް ވަނީ ދީނަށް ފުރައްސާރަ ކުރާ މީހުންނާއި ހަރުކަށި ފިކުރުތަކަށް ހިތްވަރުދޭ މީހުން ހޯދައި އެމީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ފުލުހަށް ހާޒިރުކޮށް ސުވާލުވެސް ވަނީ ކޮށްފައެވެ.
ސޯޝަލް މީޑިޔާގައި މަންދު ކޮލެޖުގެ ބާނީ އިބްރާހިމް އިސްމާއިލް ދީނާ ނުގުޅޭ ވާހަކަތަކެއް ދައްކަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އިބުރާއަށް ނުރުހުންފާޅުކޮށް އެކަން ހުއްޓުމަށް ގޮވާލަމުންނެވެ.