ތިން ގައުމަކަށް ކުރައްވާ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޔޫއޭއީ، އެމެރިކާ އަދި އިނގިރޭސިވިލާތަށެވެ.
މިދަތުރުފުޅުގެ ބޭނުމަކީ ރާއްޖޭގެ ތަރައްގީއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ މަޝްރޫއުތަކަށް އެހީތެރިކަމާ އެއްބާރުލުން ހޯދުން ކަމަށް ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި މިދަތުރުފުޅުގައި ވަޑައިގަންނަވަނީ އެމަސައްކަތްތައް ކުރުމަށް ބޭނުންވާ ކަމާ ގުޅޭ ލިޔެކިޔުންތައް ވެސް ހިފައިގެން ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ޝާހިދު ފުރަތަމަ ވަޑައިގަންނަވަނީ ޔޫއޭއީއަށެވެ. އެއަށް ފަހު އެ ދަތުރު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ އެމެރިކާގެ ވޮޝިންޓަނަށް ކަމަށާއި މިދަތުރުފުޅުގެ ބޭނުމަކީ އެމެރިކާއާއި ރާއްޖެއާ އޮތް ގުޅުން އިތުރަށް ބަދެހިކުރުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިދަތުރުފުޅަކީ އދގެ ސަލާމަތީ މަޖިލީހުގެ ރައީސް ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި އަދި އދ. މަޖިލީހުގައި ތިމާވެއްޓާ ބެހޭގޮތުން ބާއްވާ ބަހުސެއްގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޝާހިދު އދ. މަޖިލީހުގެ ބައްދަލުވުމަށްފަހު ދެން ވަޑައިގަންނަވާނީ އިނގިރޭސިވިލާތުގެ ލަންޑަނަށެވެ. މިދަތުރުފުޅަކީ ލަންޑަންގެ ފޮރިން އޮފީހުން ބާއްވާ ޑިމޮކްރަސީގެ ބައްދަލުވުމެއްގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނަރަލްއާ ބައްދަލުކުރައްވާނެ ކަމަށްވެސް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދާއެކު ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެ ވަޑައިގަންނަވާ ކަަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.