ދިވެހި ރާއްޖޭ ދެކެމުންމިދާ ބަދަލަކީ ތަރައްޤީގެ މަސައްކަތުގައި ދިވެހި ރައްޔިތުންނަށް ބައިވެރިވެވޭ ނިޒާމެއް ތަޢާރަފް ކުރެވި އެނިޒާމް ރާއްޖޭގައި ހިނގަމުން ދިއުމުގެ މަސައްކަތް ކަމަށާއި އެނިޒާމު ދިވެހިރާއް ޖެއަށް ތަޢާރަފް ކުރީ އެމްޑީޕީގެ ބުރަ މަސައްކަތުން ކަމުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ރޭ ރ. އަލިފުށީގައި ބޭއްވި އެމްޑީޕީގެ "އެއްބުރުން" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ދިވެހި ރާއްޖެއަށް ތަޢާރަފް ކުރީ މިޕާޓީގެ ފިކުރުގައި. މިއަދު އެހެން އެއްވެސް ޕާޓީއަކަށް ވަކާލާތު ނުކުރެވޭނެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކީ އެއީ އެބޭފުޅުންގެ ފިކުރެކޭ،" ނަޝީދު ވިދާޅުވި އެވެ.
އަދި މިފަދަ ސިޔާސީ ނިޒާމަކީ ދިވެހި ރާއް ޖެއަށް އެކަށީގެންނުވާ ނިޒާމެއްކަމުގައި އެމްޑީޕީޢާއި ސިޔާސި ވާދަވެރިން އެއިރު ބުނަމުން ދިޔަކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމަށް ކުރި މަސައްކަތައް ހުރަސް އަޅައި އެ މަސައްކަތުގައި އުޅުނު އެންމެންނަށް ނުހަނު ބޮޑެތި އަނިޔާކޮށްފައިވާ ކަމަށާއި އަދި ޓެކްސްގެ ނިޒާމް ފަދަ ސިޔާސަތުތަކާ ގުޅޭ ގޮތުން ވެސް ވާދަވެރިން ބުނަމުން ދިޔައީ އެއީ ދިވެހިރާއްޖެއަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ކޮށްގެން ވެސް ވާނެ ކަމެއްނޫން ކަމުގައި ނަޝީދު ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމާއި އިޖްތިމާޢީ ރައްކާތެރިކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެމްޑީޕީން ދިވެހި ރާއްޖެ އަށް ތަޢާރަފް ކުރި ފިކުރު ކަމުގައި ރައީސް ނަޝީދު ވިދާޅު ވިއެވެ.
"މިހާރު މިކުރަމުން މިދާ އެންމެހައި މަސައްކަތަކީ، މައިގަނޑު ތަރަޙައަކީ މައިގަނޑު އަސާސަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ. މިރާއްޖެ މިއަދު މިސްރާބު ޖަހާފައި މިއޮތީ އެމްޑީޕީގެ ތަރަޙައިގަ،" ނަޝީދު ވިދާޅުވިއެވެ. "ދިވެހި ރާއްޖެ ބަދަލުވެފައި މިވާ މިންވަރަށް ބަލައި ވިސްނައިފިނަމަ މިހާރު ދިވެހި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތައްވެސް ވަކާލާތު ކުރަމުން ދަނީ އެމްޑީޕީގެ ފިކުރުގައި. މިއަދުގެ ވިސްނުމުގެ އެންމެހައި އިންތަކަކީ، މިންތަކަކީ ތަރަޙައަކީ އަޅުގަނޑުމެން ބިނާކުރި އިންތަކެއް ތަރަޙަތަކެއް. މި ރާއްޖޭގެ މިސްރާބު ބަޔާން ކުރާނީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ."
މީގެ އިތުރުން ވެސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ ތަރައްޤީގެ ނާރެހާއި އަސްލަކީ ޢާއިލާކަމުގަ އެވެ. "ރަނގަޅު ޢާއިލާއެއް ބިނާ ކުރެވިގެން ނޫނީ ތަރައްޤީއެއް ހޯދައި ނުދެވޭނެ” ނަޝީދު ވިދާޅުވި އެވެ. "ރަނގަޅު ޢާއިލާއެއް ބިނާ ކުރުމަށް ބޭނުންވާ ވަޞީލަތްތައް ސަރުކާރުން ހޯދައި ދޭން ޖެހޭ. ކުރިއަށް އޮތް ދައުރަށް އެމްޑީޕީން ހުށައަޅާ ސިޔާސަތުތަކަކީ ހިތްހަމަޖެހިގެން ދިރިއުޅުން ބިނާކުރެވޭނެ ސިޔާސަތުތަކެއް."
އަދި އެމްޑީޕީގެ ވިސްނުމަކީ ރައްޔިތުމީހާގެ ތަރައްޤީކަމަށާއި ދައުލަތެއްގެ ބެނުމަކީ ރައްޔިތުންގެ ތަރައްޤީއަށް މަސައްކަތް ކުރުން ކަމުގައި ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ އުއްމީދުތައް ޙަޤީޤަތަކަށް ހެދުމަށް ވިސްނުން ހުޅުވާންޖެހޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މިހާރުގެ ސަރުކާރުން ބޭރުގެ ޤައުމުތަކާ ދިވެހިރާއްޖެއާ ދެމެދުގައިވާ ގުޅުން ހަރާބުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދިވެހި ރާއްޖޭގެ ތަރައްޤީ އަށް ހުރަސް އެޅިފައިވާ ކަމުގައި ނަޝީދު ވިދާޅުވި އެވެ. އަދި މި ގޮތުގައި ދެމި ތިބެންވެއްޖެ ނަމަ ދިވެހި ރާއްޖެ މި ދަނީ ކަނު ބަނދެވިގެން ތިބެ އަނދަވަޅަކަށް ވެއްޓެން ކަމުގައި ނަޝީދު ވިދާޅުވި އެވެ. އަދި ދިވެހި ރާއްޖެ އަށް އެކަހެރި ޤައުމެއްގެ ގޮތުގައި ތިބެވެން ނެތް ކަމުގައި ވެސް ވިދާޅުވި އެވެ.