ފްރެންޗް ކަޕްގައި ދެވަނަ ބުރުގައި ރޭ ސްޓްރަސްބޯގް އާ ދެކޮޅަށް ކުޅެ 2-0 އިން ޕީއެސްޖީ މޮޅުވި ނަމަވެސް އެ ޓީމުގެ ނޭމާ އަށް އަނިޔާވެ ހާސްކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ.
ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު، ހަތަރުވަނަ މިނެޓުގައި އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ޖަހައިދިންއިރު އެ ޓީމުގެ ފަހު ލަނޑު، މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އެންހެލް ޑި މާރިއާ އެވެ.
ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ނޭމާގެ ފައިގެ ކުޑަހުޅަށް އަނިޔާވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އޭނާ އިތުރަށް ބުނީ ޓެސްޓުތައް ހެދުމަށް ނޭމާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އެ ކްލަބުން ފަހުން ހާމަކުރިގޮތުގައި ނޭމާ އަށް އަނިޔާވެފައިވަނީ މީގެކުރީން 2018 ވަނަ އަހަރުގައި އަނިޔާވެގެން އޮޕަރޭޝަން ކުރި ކަނާތު ފައިގެ ކުޑަހުޅަށެވެ.
"ނޭމާ ހުރީ ކަންބޮޑުވެފައި، އެއީ ކުރީން ވެސް އަނިޔާވި ކަނާތު ފައިގެ ކުޑަހުޅު. މި ވަގުތު އޭނާގެ އަނިޔާއާއި ގުޅޭ އިތުރު މައުލޫމާތެއް ނެތް. އޭނާ ވީ ހޮސްޕިޓަލްގައި، ޑޮކްޓަރުގެ ބަހެއް ލިބުމުން އެކަމާއި ބެހޭގޮތުން އެއްޗެއް ބުނަން އެނގޭނީ." ޓުޗެލް ބުންޏެވެ.
ޓުޗެލް އިތުރަށް ބުނިގޮތުގައި ދަނޑުމަތީގައި ނޭމާ އަށް ލިބެންޖެހޭ ރައްކާތެރިކަން ލިބިފައިނުވާކަމަށާއި ރެފްރީގެ ފަރާތުން ގޯސްތަކެއް ހަދާފައިވާ ކަމަށެވެ.
"ނޭމާ އަށް ކުރި ތިން ފައުލަކަށް ރެފްރީގެ ފަރާތުން އެއްވެސް ވަރަކަށް ސަމާލުކަން ދީފައެއް ނެތް. އެއަށްފަހު އޭނާ އަށް މި އަނިޔާވީ." ވަރަށް ހިތްހަމަނުޖެހި ހުރެ ޓުޗެލް ބުންޏެވެ.
ނޭމާ ކުޅުމާ ދުރުގައި ހުންނަންޖެހޭ މުއްދަތު ޕީއެސްޖީން ހާމަކޮށްފައިނުވި ނަމަވެސް ބެލެވޭގޮތުގައި ދޭތް ނުވަތަ ތިން މަސްދުވަހުގެ މުއްދަތަކަށް އޭނާ ކުޅުމާ ދުރުގައި ހުންނަންޖެހޭނެ އެވެ. އެގޮތުން އޭނާ އަށް އަންނަ މަހުގެ 13 ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޕީއެސްޖީ ކުޅުމަށް ހަމަޖެހިފައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުގައި ނުކުޅެވޭނެ އެވެ. މީގެއިތުރުން، މިވަގުތު ޕީއެސްޖީގެ އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ ހިމެނެއެވެ.