މަސްތުވާތަކެއްޗާއެކު އައްޑޫ ސިޓީ ހިތަދޫއިން މީހަކު ހައްޔަރު ކޮށްފިއެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ހިތަދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިއްޔެ 17:30 ހާއިރު ހިތަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ.
ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ މީހެކެވެ. މިމީހާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި ޕާޓީ ޑްރަގް ކަމަށް ޝައްކުކުރެވޭ ހަ ގުޅައާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.