Last Updated: November 28, 21:08
Thursday, November 28, 2024
ދުނިޔެ

ވެނެޒުއޭލާ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރަނީ

EPA

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯއާ ދެކޮޅަށް އެތައް ހާސް ބަޔަކު މަގުތަކުގައި މުޒާހަރާކޮށް ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފަށައިފިއެވެ.

އިދިކޮޅު ލީޑަރ ޔުއާން ގައިޑޯ ވަނީ އެގައުމުގެ ވަގުތީ ލީޑަރަކީ އޭނާ ކަމަށް އިއުލާން ކޮށްފައެވެ. އިއުލާން ކުރިތާ މާގިނައިރުތަކެއް ނުވަނީސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއިން އެކަން ގަބޫލުކޮށް ތާއީދުކުރާކަން ހާމަކޮށްފައެވެ.

ބްރެޒިލް، ޕެރޫ އަދި ކޮލޮމްބިއާ ފަދަ ދެކުނު އެމެރިކާގެ ބާރުގަދަ ގައުމުތަކުން ވެސް ވަނީ އިދިކޮޅު ލީޑަރ ގައިޑޯގެ ލީޑަޝިޕް ބަލައިގަނެފައިވާ ކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

ރައީސް މަޑޫރޯ އިތުރު ދައުރަކަށް ވެނެޒުއޭލާގެ ރައީސްކަމާއި މިމަހުގެ ކުރީކޮޅު ހަވާލުވެފައިވާއިރު، އިދިކޮޅުން ވަނީ އިންތިޚާބުގެ ދެފުށްފެންނަ ކަން ޔަގީން ނުކުރެވޭތީ ބޮއިކޮޓު ކޮށްފައެވެ. އަދި ވަގު ވޯޓު އަޅާފައިވާ ކަމަށް ވަރަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.

އެމެރިކާއިން އިދިކޮޅު ލީޑާރ ގައިޑޯއާ އެއްކޮޅަށް އެރުމުން ވެނެޒުއޭލާ ރައީސް މަޑޫރޯ ވަނީ އެމެރިކާއާ ސިޔާސީ ގުޅުން ކަނޑާލާފައެވެ. އަދި އެގައުމުގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން 72 ގަޑިއިރު ތެރޭ ފޭބުމަށް ވަނީ އަންގާފައެވެ. އޭނާ ވަނީ ވޮޝިންޓަނުން އޭނާގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ތުހުމަތުކޮށްފައެވެ.

މަޑޫރޯ ވަނީ ބޭރުގެ ފަރާތްތަކުން އެގައުމުގެ އެތެރޭގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ނުކުރުމަށް ޓީވީ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައެވެ. އޭނާއާ އެއްކޮޅަށް، އިދިކޮޅު ލީޑާރ ގައިޑޯއާ ދެކޮޅަށް ވެސް ބަޔަކު ވަނީ މުޒާހަރާ ފަށާފައެވެ. ނަމަވެސް އިދިކޮޅު މުޒާހަރާތަކާ އަޅާ ބަލާއިރު ސަރުކާރާ އެއްކޮޅު އެއްވުމަށް ހާޒިރުވީ ވަރަށް މަދު ބަޔެކެވެ.