Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

އެމްއެންއޭސީއައިގެ ހިންގާ ކޮމެޓީގެ ބޭފުޅުންނާއި ޤާސިމް ބައްދަލުކުރައްވައިފި

ގާސިމް އެމްއެންއޭސީއައިގެ ބޭފުޅުންނާއި ބައްދަލު ކުރައްވަނީ – ފޮޓޯ: މަޖިލިސް

ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަސައްކަތްތަކާއި ބެހޭ ގޮތުން، އެ އިންޑަސްޓްރީ ތަމްސީލް ކުރައްވާ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ހިންގާ ކޮމެޓީގެ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމާ މަޝްވަރާ ކުރައްވައިފިއެވެ.

މަޖިލިސް ވެބްސައިޓްގައި ބުނެފައިވާ ގޮތުން މިމަޝްވަރާތައް ކުރެއްވީ، އެމްއެންއޭސީއައިގެ ރައީސް ޢަބްދުﷲ މުޙައްމަދާއި އެޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާޞިމް އިބްރާޙީމްގެ އަރިހަށް ކުރެއްވި އިޙުތިރާމްގެ ޒިޔާރަތުގައެވެ.

ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ކޮންސްޓްރަކްޝަން ސިނާއަތަށް ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރާނެ ގޮތްތަކާއިބެހޭ ގޮތުން އެމްއެންއޭސީއައިގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެމްއެންއޭސީއައިގެ ރައީސް ޢަބްދުﷲ މުޙައްމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މަރުޙަބާ ވިދާޅުވެ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންކަން ރަނގަޅު ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި ބެހޭގޮތުންނާއި އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއިބެހޭ ގޮތުން އެމްއެންއޭސީއައިގެ ހިންގާ ކޮމެޓީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މަޢުލޫމާތު އެރުވިއެވެ.