ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ތިން ޤައުމަކަށް ފެއްޓެވި ދަތުރުފުޅުގައި އެމެރިކާ އަށް ވަޑައިގެން، އެ ޤައުމުގެ ސްޓޭޓް ޑިޕާޓްމަންޓް އަދި ޤައުމީ ސަލާމަތާއި ބެހޭ ކައުންސިލާއި މިއަދު ބައްދަލުކުރައްވައިފި އެވެ.
އެގޮތުން ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ، އެމްބެސެޑަރ އެލިސް ވެލްސް އާއި ބައްދަލުކުރައްވައި މިނިސްޓަރ ވަނީ ރާއްޖެ އާއި އެމެރިކާ އާއި ދެމެދު އޮންނަ ސިޔާސީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
އަދި އެމެރިކާގެ އަންޑަރ ސެކްރެޓަރީ ފޯ ޕޮލިޓިކަލް އެފެއާޒް، ޑޭވިޑް ހޭލް އާއި ބައްދަލުކުރައްވައި ރާއްޖެ އާއި އެމެރިކާ އާއި ދެމެދު އޮންނަ ގުޅުންތައް މުސްތަޤްބަލުގައި އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.
ރާއްޖެ އާއި އެމެރިކާ އާއި ދެމެދު ޤާއިމްވެފައިވާ ކައުންޓަރ-ޓެރަރިޒަމްގެ އެއްބަސްވުމާއި ގުޅޭގޮތުން އެމްބެސެޑަރ އެޓް ލާޖް ނެތަން އޭ. ސޭލްސް އާއި ބައްދަލުކުރައްވައި، މިނިސްޓަރ ވަނީ ކައުންޓަރ-ޓެރަރިޒަމް އާއި ގުޅޭ ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ހިންގުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމައި މިނިސްޓަރ އަރިހުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޚަލީލް އާއި، ރާއްޖެއިން އދ. އާއި އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަލީ ނަސީރު މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ އިތުރުން ފޮރިން މިނިސްޓަރ ވަނީ އެމެރިކާގެ ޤައުމީ ސަލާމަތާއި ބެހޭ ކައުންސިލްގެ އިސް އޮފިޝަލުންނާއި ވެސް މިއަދު ބައްދަލުކުރައްވައިފަ އެވެ.
އެގޮތުން ވޮޝިންގްޓަން ޑީސީ ގައި ހުންނަ އެ ކައުންސިލް އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ސަލާމަތީ ގޮތުން ދެ ޤައުމުގެ ދެމެދުގައި މިހާރު ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން، އަދި މުސްތަޤްބަލުގައި ސެކިއުރިޓީ ކައުންސިލާއި ގުޅިގެން އިތުރަށް މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
ސެކިއުރިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޚަލީލް އާއި ރާއްޖެއިން އެމެރިކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަލީ ނަސީރު މުހައްމަދުގެ އިތުރުން ނިއު ޔޯކްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ އަހްމަދު ނާސިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.