އައްޑޫގެ ހަތަރު ރަށެއްގެ ބިން ހިއްކުމަކީ ބަޖެޓް ކުރެވިފައިވާ މަޝްރޫއެއް ނޫން ކަމަށާއި، އެފަދަ މަޝްރޫއުތައް ހިންގުމަކީ މާލިއްޔަތު ގާނޫނުގެ ރޫހާ ހިލާފު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބުނެފި އެވެ.
ހިތަދޫ، މަރަދޫފޭދޫ، މަރަދޫ އަދި ފޭދޫގެ ބިން ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ހިއްކައިދޭނެ ފަރާތްތައް ހޯދުމަށް ހައުސިން މިނިސްޓްރީން އިއްލާން ކުރުމާ ގުޅިގެން މާލިއްޔަތު ކޮމެޓީގެ އެދުމުގެ މަތިން މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ސޮއި ކުރައްވާ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ބަޖެޓްގައި ހިމެނިފައި ނެތް މަޝްރޫއުތަކެއް ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ކުރިއަށް ގެންދިޔުމަކީ ކުރިއަށް އޮތް އަހަރުތަކުގެ ބަޖެޓަށް ބާރު ބޮޑުވާނެ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބަޖެޓް ޑެފިސިޓް އިތުރަށް ބޮޑުވާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
މާލިއްޔަތު ކޮމެޓީން ފޮނުވި ސިޓީ ގައި ބިން ހިއްކުމުގެ މަޝްރޫއަށް ހުއްދަދިނީ ގާނޫނީ ކޮން އަސާސެއްގެ މައްޗަށްތޯވެސް ވަނީ ސުވާލު އުފައްދާފަ އެވެ. އަދި އަންނަ އާދީއްތަ ދުވަހުގެ ކުރިން އެއަށް ޖަވާބު ދިނުމަށް ފިނޭންސް މިނިސްޓަރު ޖިހާދު އަރިހުން ވަނީ އެދިފަ އެވެ.
މިމަޝްރޫއުގެ ދަށުން ހިތަދޫން 17.7 ހެކްޓަރުގެ ބިމަކާއި މަރަދޫ އާއި މަރަދޫފޭދޫން 75 ހެކްޓަރުގެ ބިމެއްގެ އިތުރުން ފޭދޫން 41 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފަ އެވެ.