ޗެލްސީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޓޮޓެންހަމް ހޮޓްސްޕާ އަދި އާސެނަލް އަތުން ބަލިވިއިރު އެ ދެ މެޗުގައި އެޑެން ހަޒާޑުގެ ފަރާތުން ފެނިގެންދިޔަ ދަށް ކުޅުމުގެ ސަބަބުން އޭނާ އަށް އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ފާޑުކިޔައިފިއެވެ.
އެގޮތުން، ޗެލްސީ އެންމެ ފަހުން ކުޅުނު ފަސް މެޗުގައިވެސް ހަޒާޑަށް މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު އޭނާ އަށް ގޯލެއްވެސް ކާމިޔާބުކުރެވިފައެއްނުވެއެވެ. ނަމަވެސް، ހަޒާޑު ވަނީ 1 ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ. މިއީ ހަޒާޑު ފަދަ ހުނަރުން ފުރިފައިވާ ކުޅުންތެރިއެއްގެ ކިބައިން ފެނިގެންވާނެ ކުޅުމެއް ނޫންކަމަށް ސާރީ ބުނެއެވެ.
"އަހަރެންނަށް ވިސްނޭ ގޮތުގައި ހަޒާޑު މިހާރަށްވުރެ އިތުރަށް މަސައްކަތްކުރަންޖެހޭ. އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެ ފެންވަރުގެ ކުޅުންތެރިއަކަށް އެއަށްވުރެ މޮޅު ކުޅުމެއް ދެއްކޭންޖެހޭނެ." ކަރަބާއޯ ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ޓޮޓެންހަމް އާ ދެކޮޅަށް ނިކުތުމުގެ ކުރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސާރީ ބުންޏެވެ.
"މި ވަގުތު ލީޑާޝިޕަށްވުރެ ބޮޑަށް ހަޒާޑު އެންމެ އިސްކަމެއްދެނީ އިންޑިވިޖުއަލީ މޮޅު ކުޅުމެއް ދެއްކުމަށް."
"ދަނޑުމަތީގައި ކުޅެމުންދާއިރު ލިބޭ އެންމެ ފުރުޞަތަކުންވެސް އަމިއްލަ އަކަށް މެޗުގެ ނަތީޖާ ބަދަލުކުރެވޭ ގޮތްވުމަކީ އެންމެ މުހިއްމު ކަންތައް. އެކަމަކު މި ވަގުތު ހަޒާޑަކީ ލީޑަރެއްނޫން، ނަމަވެސް އޭނާ އަކީ މޮޅު ކުޅުންތެރިއެއް." ސާރީ ބުންޏެވެ.