Last Updated: November 23, 16:52
Saturday, November 23, 2024
ރިޕޯޓް

އައްޑޫން ލިބެން ހުރި ރަނިން މޭޓުން (1)

ރިއާސީ އިންތިހާބް ބޯމަތިވަމުން އަންނަ އިރު އެންމެންގެ ލޯ އަމާޒުވެފައި މިހާރު ހުރީ ކެންޑިޑޭޓުން ނަގާނެ ރަނިން މޭޓުންނަށެވެ. ރިއާސީ އިންތިހާބް ސެޕްޓެމްބަރު 7 ގައި ބާއްވަން އިއްލާން ކުރުމާއި އެކު އިންތިހާބްތަކުގެ ތައްޔާރީތައް "މެކުހަށް" ވަނީ ޖަހާފަ އެވެ.

މިހާތަނަށް ރައީސްކަމަށް ކުރިމަތި ލައްވާ ޕާޓީއަކުން ރަނިންމޭޓަކު ނަގާފައިވަނީ ޕީޕީއެމްއިންނެވެ. އެޕަޓީން ޑރ. މުހައްމަދު ޖަމީލް އަހުމަދު ނެންގެވުމާއި އެކު ޕީޕީއެމްގެ "ޕެއާ" ހަމަވީ އެވެ.

އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބުނެފައިވަނީ އެޕާޓީން ރަނިންމޭޓަކު ނަގާނީ އައްޑޫއިން ކަމަށެވެ. އަދި އެންމެ ރަނގަޅު ދަޑިވަޅުގައި އެކަން އިއްލާން ކުރައްވާނެ ކަމަށެވެ. އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓްމިވަނީ ކަނޑައަޅާ ނިމިފައެވެ. އެހެންވެ ރަނިން މޭޓަކަށް މެމްބަރުން އެބަ އިންތިޒާރު ކުރެ އެވެ.

ރައީސް ނަޝީދު އެމަނިކުފާންގެ ރަނިންމޭޓަކަށް ބޭފުޅަކު ހަމަޖައްސަވާނީ އައްޑޫއިން ކަމަށް ވިދާޅުވުމާއި އެކު އެކަމާއި ފިކުރު ބޮޑުވިއެވެ. އެހެންވެ އައްޑޫން ލިބެން ހުރި ރަނިންމޭޓުންނަށް ބަލާލަމާ ހިނގާށެވެ.

ރައީސް ނަޝީދުގެ ރަނިންމޭޓަކަށް އެމަނިކުފާން ދެން ނަންގަވާނީ "ބަޤާވާތް" ނުކުރައްވާނެ ބޭފުޅެކެވެ. އެކުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ބޭފުޅެކެވެ. އެގޮތުން އެމްޑީޕީގެ މެމްބަރުންގެ ރުހުން އޮތް އަދި ވަކިން ހާއްސަކޮށް އެމްޑީޕީގެ އެންމެ އިސްބޭފުޅުންގެ ތާއިދު އޮތް ބޭފުޅަކަށް އެބޭފުޅަކު ވާން ޖެހޭނެއެވެ. އެގޮތުން ލިސްޓް ތަރުތީބު ކޮށްލާނަމެވެ.

1- މުހައްމަދު އަސްލަމް: (ހިތަދޫ އުތުރުދާއިރާގެ މެމްބަރު)

އަސްލަމްއަކީ އަންނި އާއި އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ވަރަށް މަގްބޫލްވި ބޭފުޅެކެވެ. މަޖިލިސް އިންތިހާބްގައި 2004 ވަނަ އަަހަރު އަސްލަމް ހޯއްދެވި ވޯޓަކީ ރާއްޖޭގެ މަޖިލިސް އިންތިހާބްތަކުގެ ރިކޯޑެވެ. އެމްޑީޕީ އުފެދިގެން އައި ދުވަސްވަރު އެންމެ އެކްޓިވް އެއް ބޭފުޅާ އެވެ. 2008ގެ ރިއާސީ އިންތިހާބާއި އެމްޑީޕީ ކުރިމަތިލިއިރު އަސްލަމް ހުންނެވީ ޖުމްހުރީ ޕާޓީ އާ ގުޅި އެ ޕާޓީގެ އިސް ސަފުގަ އެވެ.
ނަމަވެސް ރިއާސީ އިންތިހާބުން ޖުމްހުރީ ޕާޓީގެ ކެންޑިޑޭޓް ބަލިވެ، ދެވަނަ ބުރަކަށް ނިކުތް އިރު އަސްލަމް ވެސް ނިކުންނެވީ އެމްޑީޕީއާއި ރައީސް ނަޝީދު އާއި އެކު އެވެ. އޭގެ ފަހުން އަސްލަމް ފެނިފައިވަނީ އެމްޑީޕީގެ ހަރަކާތްތަކުގެ ތެރެއިންނެވެ.

އެހެންވެ އެމްޑީޕީގެ މެމްބަރުންގެ މެދުގައި އަސްލަމްއަކީ މަގްބޫލް ބޭފޫޅެކެވެ. ވަކިން ހާއްސަކޮށް ވެރިކަން ނިމުމަށްފަހު މިހާރު މިހިންގާ ހަރަކާތުގައި އަސްލަމް އަކީ އެންމެ ހީވާގި އެއް ބޭފުޅާ އެވެ.

އަންނިގެ ރަނިންމޭޓަކަށް އައްޑޫއިން އަސްލަމް ވަރުގެ ދެވަނަ ޕާޓީ މެމްބަރުން ސަޕޯޓް އޮތް ބޭފުޅަކު ނެތެވެ. އަދި އަންނިގެ ދިރިއުޅުއްވުމާއި އެންމެ ގާތް ބޭފުޅަކީވެސް އަސްލަމް އެވެ. އަންނި އަށް އެންމެ ކަމުދާނެ ސިފަތައްވެސް ހުރީ އަސްލަމްގެ ކިބައިގައެވެ. މިހުރިހާ ސަބަބުތަކާއި ހެދިވެސް އަންނިގެ ރަނިންމޭޓަކަށް އަސްލަމް ހަމަޖެއްސުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

2- ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ

އެމްޑީޕީގެ ރަނިންމޭޓަކަށް ރައީސް ނަޝީދު ނަންގަވާފާނެ ދެވަނަ ބޭފުޅަކީ ތަފްސީރު އިލްމުން ޕީއެޗްޑީ ނަންގަވައިގެން ހުންނެވި އެމްޑީޕީ ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އެވެ.

އެމްޑީޕީއަށް މިދުވަސްވަރު އަމާޒުވެފައިވާ "ލާދީނީ" ކަމުން މިންޖުވުމަށް ހުރި އެންމެ މޮޅު ހަކީމަކީ ޑރ. މަޖީދުކަން ގައިމެވެ. އެމްޑީޕީގެ ހަރަކާތްތަކުން މިހާރު ނުފެނުނު ކަމުގައި ވިޔަސް އަބްދުލް މަޖީދު އަބްދުލް ބާރީއަކީ އެމްޑީޕީގެ އަރިސް ބޭފުޅެއް ކަމަށް އަޑު އިވެއެވެ.

އެމްޑީޕީން އިންތިހާބާއި ކުރިމަތިލާފައިވާ އިރު އެޕާޓީއަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވަނީ ދީނީ ގޮތުންނެވެ. އެހެންވެ އައްޑޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ހުޅުދޫގެ މަޝްހޫރު ވިޔަފާރިވެރިއާ މަޖީދުގެ ހިކްމަތްތެރި ސިޔާސަތުން އެމްޑީޕީއަށް މިފަހަރު އިންތިހާބް "އެއްބުރުން" ކާމިޔާބު ކުރެވިދާނެއެވެ. އަދި މަޖީދު އަކީ ބަޤާވާތާއި ދުރު އެފަދަކަމަކަށް އަރާ ވަޑައިނުގަންނަވާނެ ބޭފުޅަކަށް ވުމުން ނަޝީދުގެ ރަނިންމެޓަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

3- ޑރ. މުސްޠަފާ ލުޠުފީ

ޑރ. މުސްޠަފާ ލުޠުފީ އަކީ އެމްޑީޕީއަށް ވަރަށް އިޙްލާސްތެރި ބޭފުޅެކެވެ. އެމްޑީޕީގެ ވެރިކަމުގައި ގައުމީ ޔުނިވާސިޓީގެ ޗާންސެލަރ ކަން ކުރެއްވި މުސްޠަފާ، ވެރިކަން ބަދަލު ވުމާއި އެކު ނިކުންނެވީ ރައީސް ނަޝީދު އާއި އެކު ސީދާ ހަރަކާތަށް މަގުމައްޗަށެެވެ. އަދި މިހާތަނަށްވެސް އެއްވެސް އަރާމެއް ނެތި އެމްޑީޕީގެ ކެމްޕެއިން ގައި ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ދަތުރު ކުރައްވަނީ އެވެ.

2013 ގެ ރިއާސީ އިންތިހާބަށް އެމްޑީޕީން ފައްޓަވާފައިވާ ހުރިހާ ހަރަކާތެއްގައި މުސްޠަފާ ދަނީ ވަރުބަލިވުމެއް ނެތި މަސައްކަތް ކުރައްވަމުންނެވެ. "އެއްބުރުން"، ދޭތިން ފަހެތި" އަދި މެނިފެސްޓޯތައް ލޯންޗް ކުރުމުގައި އަވަދިނެތިއެވެ.

އެމްޑީޕީގެ ހުރިހާ ގިންތިއެއްގެ މެމްބަރުންގެ ލޯބި ވަނީ މުސްޠަފާއަށް ލިބިވަޑައިގެންފައެވެ. އެހެންވެ އައްޑޫއިން ރައީސް ނަޝީދު ރަނިންމޭޓަކު އިހްތިޔާރު ކުރައްވާނަމަ އެބޭފުޅަކަށް ޑރ. މުސްޠަފާ ވުމަކީ އެކަށިގެންވާ ކަމެކެވެ.

(ނުނިމޭ)