ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތަކާއި އެހެން ދާއިރާތަކުގެ މުސާރަތަކުގައި ހުރި ތަފާތުތައް ތައުލީމީ ފެންވަރަށް ބަލައިގެން އެއް ހަމައަކަށް ގެންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވައުދުވެވަޑައިގެންފި އެވެ.
ޤާސިމް މިހެން ވިދާޅުވީ ހއ. އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޤާސިމް ވިދާޅުވީ ތައުލީމީ ގޮތުން އެއް ސަނަދުތަކެއް ގެންގުޅޭ މުއައްޒަފުންގެ މެދުގައި މުސާރާއިގެ ބޮޑެތި ތަފާތުތަކެއް ވާކަން ފާހަގަ ކުރެވޭ ކަމަށާއި ހާއްސަކޮށް ސިއްހީ އަދި ތައުލީމީ ދާއިރާގައި މަސަތްކަތް ކުރައްވާ މުއައްޒަފުންނަށް މިތަފާތު ބޮޑު ކަމަށެވެ.
އެހެން ކަމުން ޖުމްހޫރީ ޕާޓީއަށް ވެރިކަން ކާމިޔާބު ކުރެވިއްޖެ ނަމަ މި ތަފާތުތައް ނައްތާލައި އެއް ހަމައަކަށް މުސާރަތައް ގެނެސް ދެއްވާނެ ކަމަށް ވެސް ޤާސިމް ވިދާޅުވި އެވެ.
ޤާސިމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިޤްތިސޯދީ ހާލަތާއި އިޖުތިމާއީ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައިވާ ކަމަށާ، އެއީ ވިސްނަން ޖެހިފައިވާ ސީރިއަސް މައްސަލައެއް ކަމަށެވެ.
އަދި ރާއްޖޭގެ ފަތުރުވެރިކަމުން ލިބޭ ފައިދާ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަން ހާމަ ކުރައްވާ ޤާސިމް ވިދާޅުވީ އެ ފަދައިން ކަންވެގެން ދިޔައީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލާ ހިންގި ކެމްޕޭން ތަކުގެ ސަބަބުން ކަމަށެވެ.
"އިޤްތިސޯދު ހަރުދަނާ ކުރުމަށް މިވޭތުވެދިޔަ ތިން ހަތަރު އަހަރު ފަސް އަހަރު ދުވަސް ވެގެން މިދަނީ އެއްވެސް ކަމެއް ކުރެވިފައެއް ނެތޭ. އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ހަލާކަށް ހުރިހާ ކަމެއް ކުރެވެމުން ދިޔަ ތަން އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ. ދިވެހިންގެ އަގުވައްޓާލާ ދިވެހިންނަށް އިއްޒަތާއި ކަރާމާތް ނަގާލުމަށް ކުރެވުނު މަސައްކަތްތަކެއް ކުރެވެމުންދާ ތަން ފެންނަމުން ދިޔައީ." ޤާސިމް ވިދާޅުވި އެވެ.