ފައިސާގެ އަގު ދަށްވުމާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އަވަށްޓެރި ސްރީ ލަންކާގެ ޤައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސް އަށް ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި ބޮޑު ގެއްލުމެއް ލިބިއްޖެ އެވެ.
ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް އޮޕަރޭޓް ކުރަމުންދާ ސްރީލަންކަން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި އެ އެއާލައިނަށް ގާތްގަނޑަކަށް 135 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ. 2017 ވަނަ އަހަރުގެ އެ މުއްދަތުގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ޖުމްލަ އަދަދަކީ ގާތްގަނޑަކަށް 66 މިލިއަން ޑޮލަރެވެ.
ސްރީލަންކަން އިން ބުނީ އެއާލައިންގެ މައި އޮޕަރޭޝަންތަކުން ލިބުނު ފައިދާ 746 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. އެއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 8%ގެ ކުރިއެރުމެކެވެ.
ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި ސްރީލަންކަން އިން ދަތުރުކުރި ފަސިންޖަރުންގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް، ޖުމްލަ ގޮތެއްގައި 82% ސީޓްތައް ފުލްވި ކަމަށް ސްރީލަންކަން އިން ބުނެއެވެ.
ސްރީލަންކަން އިން ބުނީ އެއާލައިން އޮޕަރޭޓް ކުރުމުގެ ޚަރަދު ކުރިން އަހަރާއި އަޅާބަލާއިރު ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި 15% އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އެއާކްރާފްޓް ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން 66 މިލިއަން ޑޮލަރު ހޭދަކުރަން ޖެހުނުއިރު، އެއާކްރާފްޓްތަކުގެ މެއިންޓެނެންސް އާއި އޭ321 ނިއޯ އެއާކްރާފްޓެއް ފްލީޓަށް އިތުރުކުރުމުގެ ސަބަބުން ވެސް ޚަރަދު ބޮޑުވެފައިވާ ކަމަށް ސްރީލަންކަން އިން ބުނެއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ސްރީ ލަންކަން ރުޕީގެ އަގު ވަނީ 19% ދަށަށް ގޮސްފައެވެ.