މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް މިއަދުން ފެށިގެން އާންމުކުރަން ފަށައިފި އެވެ.
އިމިގްރޭޝަންގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ) މީގެ ކުރިން ވިދާޅުވެފައިވާ ގޮތަށް، ހަފްތާއަކު އެއް ފަހަރު އެ މުއައްސަސާގެ ތަފާސް ހިސާބުތައް އާންމު ކުރާނެ ކަމަށެވެ.
Weekly statistics of our services will be uploaded to the website, as disclosed by the Controller General @hanafymv in his press briefing last week.https://t.co/b9uwHoO0Hc
— Maldives Immigration (@ImmigrationMV) January 25, 2019
އެގޮތުން އިމިގްރޭޝަން އިން ވަނީ މަސައްކަތް ކުރުމަށްޓަކައި ބިދޭސީން ރާއްޖެ ގެނައުމަށް ކޯޓާ އަށް އެދޭ އަދަދާއި، ދޫކުރެވޭ ކޯޓާތަކުގެ އަދަދުގެ އިތުރުން ޕާސްޕޯޓަށް އެދުމާއި ދޫކުރުމާއި ގުޅޭ ތަފާސް ހިސާބުތައް އާންމުކޮށްފަ އެވެ.
އިމިގްރޭޝަން އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޯޓާ އަށް އެންމެ ގިނައިން އެދިފައި ވަނީ ރިސޯޓްތަކުންނާއި ގެސްޓްހައުސް ތަކުންނެވެ. އެގޮތުން ދެ ފަރާތަކުން 284 ކޯޓާ އަށް އެދިފައިވާއިރު، ދޫކުރެވިފައި ވަނީ 157 ކޯޓާ އެވެ. އަދި އެންމެ މަދުން ކޯޓާ އަށް އެދިފައި ވަނީ ކުދި ވިޔަފާރިތަކުންނެވެ. އެގޮތުން ދެ ފަރާތަކުން ހަ ކޯޓާ އަށް އެދިފައިވާއިރު، އިމިގްރޭޝަން އިން ވަނީ އެދުނު ގޮތަށް ހަ ކޯޓާ ވެސް އެ ފަރާތްތަކަށް ދޫކޮށްފަ އެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި 1032 ފަރާތަކުން ޕާސްޕޯޓް ހެދުމަށް އެދިފައިވާއިރު، 694 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.