ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު މިއަދު އައްޑޫގެ މަސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މިނިސްޓަރ މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ކައުންސިލްގައި އައްޑޫ ސިޓީގެ އެކި އަވަށްތަކުގެ މަސްވެރިންނާ ބައްދަލުކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސްވެރިކަމުގެ ސިނާއަތުގައި ކުރައްވަން ގަސްދުކުރައްވާފައިވާ ކަންތައްތަކުގެ މައުލޫމާތު މަސްވެރިންނަށް އެރުވިއެވެ.
އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިގާއި މިފްކޯގެ އެކްޓިން މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ މިނިސްޓަރ ޒަހާއާއެކު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައިވާއިރު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި މިފްކޯގެ މަތީ މަގާމްތަކުގެ ބޭފުޅުންގެ އިތުރުން ޑެޕިއުޓީ މޭޔަރ ޔަސްރިފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މޭޔަރ ސޯބެގެ ވާހަކަފުޅުގައި އައްޑޫގެ މަސްވެރިންނަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމާއި ސަރުކާރުން އެ ގޮންޖެހުންތައް ހައްލު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވިއެވެ. ޚާއްސަކޮށް ފިޝަރީޒް މިނިސްޓްރީން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް މޭޔަރ ވިދާޅުވެފައިވެއެވެ.
މިނިސްޓަރ ޒަހާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި ނުކުތާތައް
މިނިސްޓަރ ޒަހާ ވަނީ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭނުފުޅުގައި އައްޑޫގެ މަސްވެރިކަމާ ގުޅުވައިގެން ވެފައިވާ ވައުދުތަކާއި، އެ ވައުދުތައް ފުއްދުމަށް ކުރެވެމުންދާ މަސައްކަތް ކުރު ގޮތަކަށް މަސްވެރިންނާއި ހިއްސާ ކުރައްވާފައެވެ.
ބޭރު ބޯޓުތަކުން ރާއްޖޭގައި މަސްވެރިކަން ކުރާ ވާހަކަ އަބަދުވެސް މަސްވެރިން ދައްކަމުން އަންނަ ކަމަށާއި އެކަންބޮޑުވުންތައް މިނިސްޓްރީއާ ހަމައަށް އައިސްފައިވާ ކަމަށް ޒަހާ ވިދާޅުވިއެވެ. އެ ބޯޓުތަކަކީ ދިވެހިންގެ ބަޔެއްގެ ނަމުގައި ރަޖިސްޓްރީކޮށް މަސްވެރިކަން ކުރަމުން އަންނަ ބޯޓުތަކަށް ވި ނަމަވެސް އޭގައި މަސައްކަތް ކުރަނީ މުޅިންވެސް ބޭރު މީހުން ކަމަށާއި ނަފާ ވަނީ ވެސް ބޮޑަށް ބޭރު މީހުންނަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ބޯޓުތަކަށް ދެވިފައިޥާ ކޯޓާތައް މިއަހަރުގެ މޭ މަހާ ހަމައަށް ހަމަވެގެންދާނެ ކަމަށާއި މި ސަރުކާރުން އެ ކޯޓާތައް އާ ނުކުރާނެ ކަމަށް ޒަހާ ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބޭރުގައި މަސްވެރިކަން ކުރަން ދިވެހިން ނެރުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ މި ސަރަހައްދުގައި މަސްވެރިކަން ކުރުމަށް ދިވެހި ތަމްރީން ކުރެވިފައި ނެތް ކަމަށާއި ތަމްރީން ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރާނެ ކަމަށާއި އުއްމީދަކީ ފަސް އަހަރު ނިމިގެންދާއިރު އެ ސަރަހައްދުގައި ވެސް ދިވެހި މަސްވެރިންގެ މަސައްކަތް ފެނިގެން ދިއުން ކަމަށް ވިދާޅުވިއެވެ.
ޑީސެލުން ނަގަމުން އަންނަ ޑިއުޓީ ކަނޑާލައި މަސްވެރިންނަށް 'ޒީރޯ ޑިއުޓީގައި' ތެޔޮ ލިބުމުގެ ނިޒާމު ގާއިމު ކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޒަހާ ވިދާޅުވިއެވެ. މިހާރުވެސް ޑިއުޓީން ލުޔެއް ސަރުކާރުން މަސްވެރިންނަށް ފޯރުކޮށްދެމުން އައި ނަމަވެސް އަވަސް މުސްތަގުބަލެއްގައި ޑިއުޓީ ކަނޑާލެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވިދާޅުވިއެވެ.
މިއީ މިހާރުވެސް އިއުލާން ކުރެވިފައިވާ ކަމެއް ކަމަށާއި ޝައުގުވެރިކަން ހުރި ފަރާތްތަކަށް މިނިސްޓްރީން ފޯމު ފުރާފައި ހުށައެޅުމުން ތަމްރީން ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދުނިޔޭގެ ބާޒާރުގައި ވެސް ތުތިބޯވައިގެ މަސްވެރިކަމަކީ އަގުހުރި މަސްވެރިކަމެއް ކަމަށާއި ރަނގަޅު ގޮތެއްގައި ކުރެވިއްޖެނަމަ ބޮޑު ނަފާއެއް ލިބޭނެ މަސްވެރިކަމެއް ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.
މަސްވެރިންނަށް ޚާއްސަ މަސްވެރިޔާ އެކައުންޓެއް ބޭންކް އޮފް މޯލްޑިވްސްއާއި ސަރުކާރުން ގުޅިގެން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ. މި އެކައުންޓު ހުޅުވާލެވުމުން އޮޑިވެރިޔާއަށް އެކައުންޓު މެދުވެރިކޮށް ބާނާ މަހަށް ފައިސާ ޖަމާ ކުރެވިގެން ދާނެ ކަމަށާއި އޮޑިވެރިޔާއަށް ހަމަ އެކައުންޓު މެދުވެރިކޮށް ފަޅުވެރިންނަށް ފައިސާ ޖަމާކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި އެކައުންޓުގެ މައިގަނޑު ދެބޭނުމެއް އޮންނައިރު މިނިސްޓަރ ވިދާޅުވީ ފުރަތަމަ ކަމަކީ އެކައުންޓު މެދުވެރިކޮށް އުޖޫރަ ޖަމާވުމުން މަސްވެރިންނަށް ބޭނުންވާ ބޭންކު ލޯނު ނެގުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. އަދި ދެވަނަ ކަމަކަށް ޕެންޝަންގެ ސްކީމަށް މަސްވެރިންވެސް އިތުރުކުރެވި މަސްވެރިންނަށް ލިބޭ މުސާރައިން ޕެންޝަނަށް ފައިސާ ޖަމާ ކުރެވިގެން ދާނެ ކަމަށް ވިދާޅުވިއެވެ.
މައިގަނޑު ގޮތެއްގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި މިވައުދުތަކުގެ ވާހަކަ ދެކެވުނުއިރު މަސްވެރިކަމަށް ނިކުމެ ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ވެސެލް ލޮކޭޓިން ޑިވައިސް ހަރުކުރުމުގެ މަސައްކަތް ވެސް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އޮޑިދޯނި ފަހަރުގައި މި އާލާތް މިނިސްޓްރީން ގާއިމުކޮށްދޭއިރު ބަދަލުގައި ނަގާނީ ވަރަށް ކުޑަ ޓްރާންސްމިޝަން ފީއެއް ކަމަށް ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް މުސްތަގުބަލުގައި މަސްވެރިންނާ ވަރަށް ގާތުން މަސައްކަތް ކުރެވޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށާއި ދިމާވެފައިވާ ދަތިތައް ހައްލުކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.