މަސްވެރިންނާ ބެހޭ ސަރުކާރުގެ މައި ކުންފުނި، މިފްކޯއާ ދިވެހި މަސްވެރިންނާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރުމަށް ޚާއްސަ އަހައްމިއްޔަތު ކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
އައްޑޫ މަސްވެރިންނާއި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ފައުޒީ ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކުގައި މިފްކޯއާ މަސްވެރިންނާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށެވެ.
ރާއްޖޭގެ މަހުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް މިފްކޯއިން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވަރަށް ބޮޑުތަން ކުޑަ ވެފައިވާ ކަން ފައުޒީ ފާހަގަކުރެއްވިއެވެ.
ނަމަވެސް މަހުގެ އަގު ހިފެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އައިސް ޕްލާންޓުތަކާއި މަސް ފެކްޓްރީތަކުގެ ފެންވަރުވެސް ރަނގަޅު ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް މިބައްދަލުވުމުގައި ވާހަކަ ދައްކަމުން ފައުޒީ މަސްވެރިންނަށް މައުލޫމާތު ދެއްވިއެވެ.
ބޯޓުތަކުން ބިލު ނަހަދާ ތެޔޮ އަޅާ ކަމަށް މަސްވެރިޔަކު ދެންނެވުމުން ފައުޒީ ވަނީ މިފްކޯގައި އެފަދަ ކަންތައްތަކަށް ބެލުމަށް އޮޑިޓް ކުރަން ރާވާފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ކޮލިޓީ އޮޑިޓް އަދި ފައިނޭޝަލް އޮޑިޓް މިފްކޯ ތެރެއިން ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.