މިހާރު ކުރިއަށްދާ އޭޝިއަން ކަޕްގައި މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ގަދަފަދަ ދެކުނު ކޮރެއާ ސިއްސުވާލުމަށްފަހު 2022 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމުކަމަށްވާ ގަތަރު ސެމީ އަށް ދަތުރުކޮށްފިއެވެ.
މިއީ އޭޝިއަން ކަޕްގެ ތާރީޚުގައި ގަތަރުން ސެމީ އަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
އަބޫދާބީގެ ޝެއިހް ޒާއިދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ލަނޑުޖެހުމަށް މާ ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު މި ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ގަތަރުގެ ފޯވާޑް އަކްރަމް އަފީފް ފޮނުވާލި ބޯޅަ ކޮރެއާގެ ގޯލްކީޕަރު ކިމް ސެއުން-ޔޫ މަތަކުރިއެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކޮރެއާގެ ފޯވާޑް ވަން އުއި-ޖޯ އަށް ވަނީ އެ ޓީމަށް ލީޑްނަގައިދިނުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެގޮތުން، މެޗުގެ 48 ވަނަ މިނެޓުގައި އުއި-ޖޯ ފޮނުވާލި ބޯޅަ ގަތަރުގެ ގޯލްކީޕަރު ސާދް އަލް-ޝީބް މަތަކުރިއެވެ.
އޭގެފަހުން، ގަތަރުގެ އަލްމޮއެޒް އަލީ ފޮނުވާލި ބޯޅަ ކޮރެއާގެ ކީޕަރު ސެއުން-ޔޫ މަތަކުރިއިރު ކޮރެއާގެ ސޮން ހެއުން-މިން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގަތަރުގެ ކީޕަރު އަލް-ޝީބް އެވެ.
މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު، 78 ވަނަ މިނެޓުގައި ޖަހައިދިނީ ގަތަރުގެ މިޑްފީލްޑަރު ހާތިމް އަބްދެލްއަޒީޒް އެވެ. މިއީ އެ ޓީމުގެ އަކްރަމް އަފީފް ދިން ބޯޅައަކުން ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ހަމަލާއެއް ގޯލްގެ ކަނާތްފަރާތު ތިރީ ކަނަށް އަމާޒުކޮށްލައިގެން އަބްދެލްއަޒީޒް ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، ކޮރެއާގެ އުއި-ޖޯ ގޯލެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.
މި މެޗުން ކޮރެއާ ބަލިވުމުން އެންމެ ބޮޑު އުފަލެއް ލިބޭނީ އިނގިރޭސި ކްލަބު ޓޮޓެންހަމް ހޮޓްސްޕާގެ ސަޕޯޓަރުންނަށެވެ. އެއީ އެ ޓީމަށް ކުޅެމުން އަންނަ ސޮން ހެއުން-މިން އެނބުރި އެ ކްލަބާ ގުޅޭނެތިއެވެ. މި ވަގުތު އަނިޔާގެ ސަބަބުން ޓޮޓެންހަމްގެ ހެރީ ކޭން އާއި ޑެލޭ އަލީ ނެތުމުން އެ ޓީމަށް މައްސަލަތައް ކުރިމަތިވެފައިވާއިރު ސޮން އެނބުރި ޓީމާ ގުޅުމަކީ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
މި އަހަރުގެ ޖޫން މަހު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާގައި ކުޅުމުގެ ދައުވަތު ލިބިފައިވާ ގަތަރު، މި މުބާރާތުގެ ސެމީ ގައި ނިކުންނާނީ މިރޭ ޔޫއޭއީ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.