އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ވައުދު، މެކްސިކޯ-ޔޫއެސް ބޯޑަރު ފާރު ބިނާކުރަން ބޭނުންވާ 6 ބިލިއަން ޑޮލަރުގެ ބަޖެޓު ނުދިނުމުން ސަރުކާރު ހުއްޓުމަކަށް ގެނައުމަށް ފަހު މަސް ދުވަސް ސަރުކާރު ހުއްޓުވާފައި ބޭއްވުމަށް ފަހު އަލުން ސަރުކާރު ހުޅުވުމަށް ނިންމަވައިފިއެވެ.
ހުކުރު ދުވަހު ޓްރަމްޕް ވަނީ ތިން ހަފްތާއަށް ސަރުކާރު ހުޅުވާނެ ކަމަށް ވިދާޅުވެ ބިލް ތަސްދީގު ކުރައްވާފައެވެ. ނަމަވެސް އަދިވެސް ޑިމޮކްރެޓުންނާއި ދެމެދު ފާރު ރޭނުމުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަދެކެވެމުން އެބަދެއެވެ.
މިހާތަނަށް ބޭއްވި ކޮންމެ ބައްދަލުވުމެއްގައި ޑިމޮކްރެޓް ޕާޓީގެ މަޖިލިސް ލީޑަރާއި މަޖިލިސް ރައީސް ނޭންސީ ޕެލޯސީ ވަނީ ޓްރަމްޕްގެ ފާރު ރާނަން އެންމެ ޑޮލަރެއްވެސް ބަޖެޓުގައި ނުހިމަނާނެ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ ޑިސެމްބަރު 21 ވަނަ ދުވަހުގެ މެންދަމުން ފެށިގެން ސަރުކާރުގެ ބައެއް ވުޒާރާތައް ހުއްޓުމަކަށް އައިސްފައިވާއިރު އަށް ލައްކައަށް ވުރެ ގިނަ މުވައްޒަފުންނަށް މަސް ދުވަސް ވީއިރުވެސް މުސާރަ ނުލިބެއެވެ.
މިއީ އެމެރިކާ ތާރީޚުގައި ސަރުކާރު މިހާބޮޑު ހުއްޓުމެއް ދެކުނު ފުރަތަމަ ފަހަރެވެ. 35 ދުވަސް ވަންދެން އަށް ލައްކައަށް ވުރެ ގިނަ މުވައްޒަފުންނަށް މުސާރަ ނުލިބިފައިވާއިރު ބައެއް މުވައްޒަފުން ވަނީ 35 ދުވަހު މުސާރައާ ނުލާ މަސައްކަތް ކޮށްފައެވެ.