އަލަށް އުފެދުނު މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ(އެމްއެލްއެސްޑީޕީ) އިން ވެސް ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރަން ޝައުގުވެރިކަން ހުރި ޕާޓީގެ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ލޭބާ ޕާޓީގެ އާންމު ޖަލްސާގައި ވަނީ 15 ދާއިރާއަކަށް ކެންޑިޑޭޓުން ނެރޭނެ ކަމަށް އިއުލާން ކޮށްފައެވެ. ޝައުގުވެރިކަން ހުރި ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ޕާޓީއަށް އެންގުމުން ޓިކެޓުގެ ކަންތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެހެން ޕާޓީތަކުގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރާ މީހުންނަށް ވެސް ތާއީދު ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އަލަށް އުފެދުނު ކުރީގެ ނައިބު ރައިސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓުން ވެސް ވަނީ މަޖިލީހަށް ކެންޑިޑޭޓުން ނެރޭނެކަން އިއުލާން ކުރައްވާފައެވެ. އެގޮތުން އެޕާޓީގެ ލީޑަޝިޕްގައި ހަރަކާތްތެރިވާ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ވެސް ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ކުރީގެ ރައީސް ޔާމީންގެ ޕީއެންސީން ވެސް ކެންޑިޑޭޓުން ނެރޭނެ ކަމަށް ޚަބަރު ލިބިފައިވެއެވެ. ނަމަވެސް އެޕާޓީ އަދިވެސް ރަޖިސްޓްރީކުރުމުގެ މަރުހަލާ ކަޑައްތު ނުކުރެވޭތީ ކުރީގެ ޕީޕީއެމް މެމްބަރުންނާއި ކެންޑިޑޭޓުން ތިބީ ހާސްކަމެއްގެ ތެރޭގައެވެ.