Last Updated: November 27, 21:29
Wednesday, November 27, 2024
ޚަބަރު

"ފުލުހުންނަށް ވަކިން ވޯޓް ލެވުމަކީ އިންތިހާބަށް ހުރަސް އެޅުން"

ހިތަދޫ ކޯޓު ސަރަހައްދުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ.ފޮޓޯ: އައްޑޫލައިވް

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ފުލުހުންނަށް ޚާއްސަކޮށްގެން ވޯޓު ލެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އިލެކްޝަންސް ކޮމިޝަންސްގައި ފުލުސް އޮފީހުން އެދިފައިވާ އެދުމަކީ އެމްޑީޕީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި އެއީ އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން ބުނީ ފުލުހުން ވޯޓް ލުމަށް ވަކި އިންތިޒާމްތަކެއް ހަމަޖައްސައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާ ގޮތް ޤަބޫލުކޮށް، އިލެކްޝަންސް ކޮމިޝަނުން މިހާރު އާންމުކޮށްފައިވާ ޤަވާޢިދު ބަދަލު ގެނެސް، އު ފުރުޞަތު ފުލުހުންނަށް އެކަނި ފަހިކޮށް ދިނުމަކީ ރާއްޖޭގައި ވޯޓުލާ މީހުންގެ މެދުގައި ހަމަހަމަ ކަމާއި އިންސާފުން އެއްކިބާ ކުރުވާނެ ކަމެއް ކަމަަށެވެ.

"މި އަހަރުގެ ރިޔާސީ އިންތިހާބުގައި ފުލުހުންނަށް ވަކި އިންތިޒާމްތަކެއްގެ މަތިން ވޯޓް ލެވޭގޮތަށް ހަމަޖެއްސުމަކީ މިއަހަރު ރާއްޖޭގައި ބާއްވާ އިންތިހާބްގެ ވޯޓް އޮޅުވާލުމާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިޔަ ނުދިނުމަށް ކުރަމުންދާ ހީލަތްތެރި މަސައްކަތުގެ ތެރެއިން ކުރާ ކަމެއްކަމުގައި މި މިޕާޓީން ދެކެމެވެ. އަދި ވަކި މުއައްސަސާއެއްގެ ބަޔަކު ވޯޓް ރަޖިސްޓްރީ ނުކޮށް ނުވަތަ އެމީހުން ބޭނުންތަނެއްގައި ވޯޓް ލެވޭގޮތަށް އޮތުމަކީ އެހެން ދިވެހި ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށާއި އަދި މިކަމަކީ ޤާނޫނު އަސާސީން ކޮންމެ ދިވެހިރައްޔިތަކަށް ލިބިދީފައިވާ ހަމަހަމަ ކަމުގެ ޙައްޤު ނިގުޅައި ގަތުން ކަމަށް މި ޕާޓީން ދެކެމެވެ." އެމްޑީޕީން ނެރުނު ބަޔާނެއްގައިވެ އެވެ. "ރާއްޖޭގެ ރައްޔިތުންނަކީ އެމީހަކު ކުރާ މަސައްކަތެއްގައި އެ މީހެއްގެ އަމިއްލަ ރަށްވެހިވަފައިވާ ރަށް ނޫން އެހެން ރަށްރަށުގައި އެކިއެކި މަސައްކަތުގައި ޝާމިލްވެއުޅޭ ބައެއްކަމުން ހަމަ އެކަނި ފުލުހުންނަށް ނޫނީ ވަކި މުއައްސަސާއެއްގެ ބަޔަކަށް ވަކި އިންތިޒާމްތަކެއް ހަމަޖެހިގެން ދިއުމަކީ މިއީ ރާއްޖޭގަ ވޯޓުލާ އެހެން ފަރާތްތަކަށް ލިބެން ޖެހޭ އަސާސީ ހައްގުން މަޙްރޫމުވެދާނެ ކަމެއް ކަމުގައި މި ޕާޓީއިން ދެކެމެވެ."

އެމްޑީޕީން އަދި ބުނީ އެ މީހަކު ރަޖިސްޓްރީކޮށްފައިވާ ރަށެއް ނޫނީ ތަނެއްގައި ރަޖިސްޓްރީ ވާން ޖެހޭނީ ހަމަ އެކަނި ފުލުހުން ނޫން ކަމާއި ރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް އެމީހަކު ވޯޓުލާ ރަށެއް ނޫނީ ތަނެއްގައި ރަޖިސްޓްރީ ވާން އޮންނަ ޤަވާޢިދުން ވަކި މުއައްސާސައެއްގެ ބަޔަކު މި ޤަވައިދުން އިސްތިސްނާ ކުރުން އެއީ ރިޔާސީ އިންތިޙާބް ފަދަ ބޮޑު މުހިއްމު އިންތިހާބެއްގައި ކޮށްގެން ނުވާނެ ކަމެއް ކަމަށެވެ.

"ވީމާ މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ސައްހަވާ ކޮންމެ މީހަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ޤަވާޢިދުގެ ދަށުން އެމީހަކު ރަޖިސްޓްރީވެފައިވާ ރަށް ނުވަތަ ތަނުގައި މިނިވަންކަމާ ހަމަހަމަ ކަމާއެކު، ވަކި ބަޔަކު ނުވަތަ ވަކި ފަރުދަކު އިސްތިސްނާ ނުވާނެހެން، އިލެކްޝަންސް ކޮމިޝަނުން ކުރިން ވެސް ކަނޑައަޅައިފައިވާ ޤަވާޢިދުގެ ދަށުން އެންމެންނަށް މިނިވަންކަމާ ހަމަހަމަ ކަމާއެކު ވޯޓު ލެވޭގޮތަށް ބޭއްވުމަށް އިލެކްސަންސް ކޮމިޝަންސް އަށް މި ޕާޓީ އިން ގޮވައިލަމެވެ." ބަޔާނުގައިވެ އެވެ.