ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ވިންގާ ގަރެތު ބޭލް އަނިޔާއިން އެނބުރި އައިނަމަވެސް އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ކަށަވަރެއް ނުވާނެކަމަށް ކޯޗު ސަންޓިއާގޯ ސޮލާރީ ބުނެފިއެވެ.
އަނިޔާގެ ސަބަބުން ރެއާލް އެންމެ ފަހުން ކުޅުނު ހަ މެޗުގައި ބޭލް ކުޅެފައިނުވާއިރު މީގެ ދުވަސްކޮޅެއްކުރީން އަނިޔާއިން އެނބުރި އައިސް ޓީމުގެ ތަމްރީންތަކުގައި ބައިވެރިވަމުން އަންނައިރު ލީގުގައި ރެއާލް ދެން ކުޅޭ މެޗުގައި މާދަމާ ރޭ އެސްޕަންޔޯލާ ދެކޮޅަށް އޭނާ ފެނުމުގެ ފުރުޞަތު ބޮޑެވެ.
މެޑްރިޑުން 2013 ވަނަ އަހަރު ޓްރާންސްފާ ރެކޯޑް މުގުރާލުމަށްފަހު އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާ އިން ބޭލް ގެނެސްފައިވާއިރު އޭނާ ވަނީ އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ހޯދުމުގެ އިތުރުން 2017 ވަނަ އަހަރު ސްޕެނިޝް ލީގު ތަށި އުފުލާލައިފައެވެ.
"ފުޓްބޯޅައިގައި އަބަދުވެސް އެންމެ މުހިއްމު ވަނީ ކުރިއަށް އޮންނަ މެޗު. އެގޮތުން، މާދަމާގެ މެޗުގައި ކުޅޭ ކުޅުންތެރިން އެނގޭނީ މާދަމާ."
"އަހަރެން ބޭނުންވަނީ އަނިޔާއިން އެނބުރި އައިސް ތަމްރީންތަކުގައި ބައިވެރިވެފައިވާ ކުޅުންތެރިން ފިޓުވުން. ބޭލް އަކީ މި ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް، އަނިޔާއިން އެނބުރި އައިސް އޭނާ ޓީމާ ގުޅުމަކީ ލިބުނު ހިތްހަމަޖެހުމެއް." ސޮލާރީ ބުންޏެވެ.
ބޭލް އަށް އަނިޔާވުމުން އޭގެ ފައިދާ އެންމެ ބޮޑަށް ލިބިފައިވަނީ ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ވިނީޝިއަސް ޖޫނިއާ އަށެވެ. އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކޮޕާ ޑެލް ރޭ ގައި ޖިރޯނާ އާ ދެކޮޅަށް ކުޅެ 4-2 އިން މޮޅުވި މެޗާއި ހަމައަށް ރެއާލުން އެ މުބާރާތުގައި ކާމިޔާބުކުރި 8 ގޯލުގައި ވެސް ވިނީޝިއަސްގެ ދައުރު ބޮޑެވެ.
"ވިނީޝިއަސް ވަނީ ވަރަށް ކުރު މުއްދަތެއްގައި މި ޓީމަށް ހޭނިފައި. އޭނާ އަކީ އަދިވެސް ވަރަށް ޒުވާން ކުޅުންތެރިއެއް. އުމުރުން 18 އަހަރުގައި އޭނާ މިވަނީ އާ ގައުމަކަށް އައިސް، މުޅިން އާ ބަހެއް ދަސްކޮށް، އާ އެކުވެރިންނާއި ފުޓްބޯޅައިގެ އާ ކަންތައްތަކެއް ދަސްކޮށްފައި." ސޮލާރީ ބުންޏެވެ.
"މި ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންނާއި ސްކޮޑުގެ ހުރިހާ އެންމެންގެ ނަސޭހަތާއި އެހީތެރިކަމާއެކު ކޮންމެ މެޗެއްގައި ދަނޑުމަތީގައި އޭނާ މިދަނީ ރަނގަޅު ކުޅުމެއް ދައްކަމުން. އޭނާގެ ހުރިހާ ކަމެއްވެސް އަހަރެމެން ކައިރިން ބަލަންޖެހޭ އޭރުން އިތުރު ކުރިއެރުންތައް ހޯދޭނީ."
ރެއާލްގައި މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި ކޮސްޓާރިކާގެ ގޯލްކީޕަރު ކޭލޯ ނަވާސް އާއި ޖެސޫސް ވަލޭހޯ އަދި މަރިއާނޯ ޑިއާޒް ހިމެނެއެވެ. މީގެއިތުރުން، އެ ޓީމުގެ މުހިއްމަ ކުޅުންތެރިއެއްކަމަށްވާ މާކޯ އަސެންސިއޯ މިހާރު އަނިޔާއަށްފަހު ކުޅުމަށް ޓީމުގެ ތަމްރީންތަކުގައި ބައިވެރިވެފައިވާއިރު ކުރީން އަނިޔާގައި ތިބި ކުޅުންތެރިންކަމަށްވާ ޓޯނީ ކްރޫސް އާއި މާކޯސް ލޮރެންޓޭ ވަނީ ޖިރޯނާ އާ ދެކޮޅަށް ކޮޕާ ޑެލް ރޭ ގައި ކުޅުނު މެޗުގެ ދެވަނަ ހާފުގައި ކުޅެން ނިކުމެފައެވެ.