Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

އެމްޑީޕީން ޖުޑީޝަރީ ރިފޯމް ކުރަން ހުށައަޅައިފި

ސްޕްރީމް ކޯޓުގެ ފަނޑިޔާރުން، ސްޕްރީމް ކޯޓޫގެ ހުކުމްތަކަށް ފާޑު ކިޔާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ، ފޮޓޯ: ޖޭއެސްސީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެމަނިކުފާނު އަބަދުވެސް ވިދާޅުވަނީ ދިވެހި ރާއްޖޭގެ ފަނޑިޔާރުގެއަށް ރައްޔިތުން ކުރާ އިތުބާރު ފަނޑުވުމެވެ. ފަނޑިޔާރުގެ އިސްލާހު ކުރައްވަން ގިނަ ދުވަސްތަކެއް ވަންދެން ނަޝީދާއެކު އެމްޑީޕީން މަސައްކަތް ކޮށްފައިވާއިރު ނިމިގެންދިޔަ ސަރުކާރުގައި އެމަނިކުފާނު ވަނީ ފަނޑިޔާރުގޭގެ "ޝިކާރަ" އަކަށް ވެ ޖަލަށް ލެވި ގައުމުން ބޭރަށް އަމިއްލައަށް އަރުވާވެސްލެވިފައެވެ.

ފަޓާސްބަރިއެއްހެން ކުރި ޝަރީއަތްތައް ބާތިލުކޮށް ނަޝީދު މިނިވަން ކުރެވި މިހާރު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރަމުން އަންނައިރު އެމަނިކުފާނު އަދިވެސް ކުރައްވަނީ ފަނޑިޔާރުގެ 'މިނިވަން' ކުރުމުގެ މަސައްކަތެވެ.

އެމްޑީޕީން އާ ފަނޑިޔާރުގެއަށް އާ ސިޔާސަތެއް އެކުލަވާލައި މަޖިިލިސް ތެރެއިން ޖުޑީޝަރީ ރިފޯމް ކުރުމަށް ކުރާ މަސައްކަތްތައް ރޭ ވަނީ އާންމުންނާ ހިއްސާކޮށްފައެވެ. މި ސިޔާސަތުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މިހާރު ލިބިފައިވާ ބާރުތައް ހަނިކުރެވި ރަޖިސްޓްރާއަށް ލިބިފައިވާ ބާރު އިތުރުކުރުމަށް ވަނީ ހުށައަޅާފައެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކު މަޖިލީހުގެ މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމީޓީން އައްޔަންކޮށް، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދަށުން ހިންގާ ވަކި އިދާރާއެއްގެ ގޮތުގައި ޑީޖޭއޭ ބަދަލުކުރުމަށް އެމްޑީޕީން ވަނީ ހުށައަޅާފައެވެ. އަދި ކޯޓުތަކުގެ ރެޖިސްޓްރާއިން ވެސް ކަނޑައަޅާނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއެވެ.

މިހާރު އޮންނަ ގޮތުން ސުޕްރީމް ކޯޓުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަނޑައަޅާއިރު ޑީޖޭއޭ ޖަވާބުދާރީވާން ވެސް ޖެހެނީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެމްޑީޕީން ވަނީ ޑީޖޭއޭ ޖަވާބުދާރީ ވާންޖެހެނީވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ކަމަށް ބަދަލު ކުރުމަށް ހުށައަޅާފައެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ރަޖިސްޓްރާއިން ކަނޑައެޅުމުގެ ބާރު ދިނުމަށް ފަހު އެމްޑީޕީން ވަނީ ރަޖިސްޓްރާ އިންނަށް ވެސް ގިނަ ބާރުތަކެއް ދިނުމަށް ހުށައަޅާފައެވެ. އެގޮތުން މަތީ މަރުހަލާގެ މައްސަލަތައް ބަލާނެ ބެންޗު ކަނޑައެޅުމާއި، ކޯޓަށް ހުށައެޅޭ އާންމު މައްސަލަތައް ބަލާނެ ފަނޑިޔާރުން ކަނޑައެޅުން ފަދަ ބާރުތައް ރެޖިސްޓްރާއަށް ދިނުމަށް ހުށައަޅާފައިވެއެވެ.

މީގެ އިތުރުން ދަށުު ކޯޓުތަކާއި ހައިކޯޓަށް ލަފާ ދިނުމާއި މައްސަލަތަކުގެ ލިޔެކިޔުންތައް ސުޕްރީމް ކޯޓަށް ނުހޯދޭ ގޮތަށް އިސްލާހު ހުށައަޅާފައިވެއެވެ. ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރާއިރުވެސް ސުޕްރީމް ކޯޓުގެ ދައުރު ކަނޑާލުމުގެ އިތުރުން ވަކީލުންނާ މެދު ފިޔަވަޅު އެޅޭނީ ބާ އެސޯސިއޭޝަނަށް ކަމަށް ހެދުމަށް ހުށައަޅާފައިވެއެވެ. މިއީ އާންމު ގޮތެއްގައި ދުނިޔޭގެ ގިނަ ގައުމުތަކުގައި މި އުސޫލު އޮންނަ ގޮތް ކަން ފާހަގަކޮށްލެވެއެވެ.