ފެނަކަ ކޯޕަރޭޝަންގެ ވަޒީފާއިން ސަސްޕެންޑްކުރާ މުވައްޒަފުންނަކީ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފަރުވާކުޑަކުރާ މުވައްޒަފުން ކަމަށް އެ ކޮޕަރޭޝަން އިން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ ގިނަ މުވައްޒަފުންތަކެއް ކުއްލިގޮތަކަށް ސަސްޕެންޑްކޮށް، އެ މުވައްޒަފުންނަށް ލިޔުން ފޮނުވަމުންދާ ވާހަކަ މީޑިއާތަކުގައި ޝާޢިރުކުރަމުންދާ ދިއުމަޢި ގުޅިގެން އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ކޮންމެ ބްރާންޗަކުންވެސް އަދި ރީޖަނަލް އޮފީސްތަކުންވެސް އެ ކުންފުންޏާ މަތިކުރުވާފައިވާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހަރުދަނާ އަދި ދެމެހެއްޓެނިވި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަކީ އެ ކުންފުނީޣެ ހުރިހާ މުވައްޒަފުންގެ ވެސް ޒިންމާއެއް ކަމަށެވެ.
އަދި މުވައްޒަފުންގެ ޒިންމާ އަދާކުރުމުގައި ފަރުވާކުޑަކޮށް، އިހުމާލުވެ، ދެވޭ ޚިދުމަތްތަކަށް ބުރޫއަރާ، ކުންފުންޏަށް ގެއްލުންވަމުން ދާނަމަ، އެ މުވައްޒަފާއި މެދު ޢަމަލު ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކެއް މުވައްޒަފުންނާއި ބެހޭ ޤަވާއިދުގައި ލިޔެވިފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
"މިހެން މިކަން އޮތްއިރު ފެނަކަ ކޯޕަރޭޝަނުގެ ގިނަ މުވައްޒަފުންތަކެއް ކުއްލިގޮތަކަށް ސަސްޕެންޑުކޮށް އެ މުވައްޒަފުންނަށް ލިޔުން ފޮނުވަމުންދާ ވާހަކަ ބައެއް މީޑިއާތަކުގައި ޢާއްމު ރައްޔިތުންނަށް ޙަޤީގަތް އޮޅެމުންދާފަދަ ގޮތަކަށް މަޢުލޫމާތު ފަތުރަމުންދާކަން ފާހަގަ ކުރަމެވެ."، އެ ބަޔާނުގައި ވެއެވެ.
ފެނަކައިން ބުނީ އެ ކުންފުނީގެ މުވައްޒަފެއް ވަޒީފާއިން ސަސްޕެންޑް ކުރެވިފައިވާނަމަ، ސަސްޕެންޑް ކުރެވިފައިވާނީ ކުންފުނިން ދޭ ޚިދުމަތްތައް ދިނުމުގައި އިހުމާލުވުމުގެ ސަބަބުން ކުންފުންޏަށް ގެއްލުންވެ، މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފަރުވާކުޑަވުމާއި، ކުންފުނީގެ މުދަލާއި ފައިސާއަށް އިހުމާލްވަމުން ދިއުމާއި، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ދޯރުކޮށް ދިނުން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަން ފާހަގަ ކުރެވިފައިވާތީ އާއި، ޚިދުމަތްތަކަށް ބުރޫ އަރާފަދަ ޢަމަލުތައް ހިންގަމުންދާ މުވައްޒަފުން ކަމަށެވެ.
މީގެ އިތުރުން، ފެނަކައަކީ މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަމާއި އަދި މުވައްޒަފުންގެ ނަޒާޙަތްތެރިކަން ފުރިހަމަ ގޮތުގައި ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކުންފުންޏެއް ކަމުގެ ޔަޤީންކަން އަރުވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.