ޖުމުހޫރީ ޕާޓީ އޮންނާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ދިފާއު ކުރަން ކަމަށާއި މިޕާޓީ ކުރީގެ ރައީސް ޔާމީނާއެކު މަސައްކަތް ކުރާނެ ހާލަތެއް ނާންނާނެ ކަމަށް ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ކިނބިދޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ރިޔާޒް ރޭ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެބޭފުޅުންނަކީ މިސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ. "އަޅުގަނޑުމެން ވާނީ ސަރުކާރަށް. ރައީސް ޔާމީން ނުވަތަ ޕީޕީއެމް ނޫނީ ޕީއެންސީ ވާނީ އޮޕޮސިޝަނަށް،" ރިޔާޒް ވިދާޅުވިއެވެ.
ނަމަވެސް، މަޖިލިސް ހިންގަން ގާސިމް އިބްރާހިމަށް ޕީޕީއެމްގެ މެމްބަރުންގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށާއި ސަބަބަކީ ގާސިމަކީ މަޖިލީހުގެ ރައީސް ކަމަށް ވުން ކަމަށް ރިޔާޒް ވިދާޅުވިއެވެ. ދާދި ފަހުން ގާސިމް މަޖިލީހުގައި ޕީޕީއެމް ޕީޖީ ގްރޫޕުގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް އަލި އަޅުވާލައި ރިޔާޒް ވިދާޅުވިއެވެ.
ޔާމީން އުފައްދަވަން މަސައްކަތް ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން "ޒާތީވެ" ހުރަސް އަޅަމުންދާ ކަމަށް ވިދާޅުވެ ގާސިމް ވަނީ 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވެސް އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ގާސިމް އެހެން ވިދާޅުވުމުން ޔާމީންގެ ޕާޓީއާ ގުޅެން އުޅޭ ކަމަށް ބުނެ ބައެއް މީހުން ވަނީ އަޑުފަތުރާފައެވެ. ގާސިމް ވަނީ އޭގެ ކުރިން، އެމްޑީޕީން ޖޭޕީ އެއްލާލުމުން މަޖިލިސް އިންތިޚާބުގައި އެހެން ޕާޓީތަކާ ކޯލިޝަން ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، ގާސިމް އިބްރާހިމް ކޯލިޝަނުން ވަކިވެވަޑައިނުގަންނަވާނެ ކަމަށް ޔާމީނާ ބައިވެރިވެވަޑައިނުގަންނަވާނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.