ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ އަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަށް ފިޓުވުމަށް ވަރަށް އުނދަގޫ ވާނެ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
ނޭމާގެ ފައިގެ ކުޑަހުޅަށް އަނިޔާވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފްރެންޗް ކަޕްގައި ދެވަނަ ބުރުގައި ސްޓްރަސްބޯގް އާ ދެކޮޅަށް ކުޅެ 2-0 އިން ޕީއެސްޖީ މޮޅުވި މެޗުގައެވެ.
ކުރިއަށް އޮތް ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަށް ޕީއެސްޖީ ނިކުންނައިރު އެ ޓީމުގައި މި ވަގުތު އަނިޔާގައި ހުރި ކުޅުންތެރިންގެ ތެރޭގައި ނޭމާގެ އިތުރުން އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ ހިމެނެއެވެ. މި ދެ ކުޅުންތެރިން ވެސް އެ މެޗަށް ފިޓްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭއިރު ނޭމާ އަށް އަނިޔާވެފައިވަނީ މީގެކުރީން 2018 ވަނަ އަހަރުގައި އަނިޔާވެގެން އޮޕަރޭޝަން ކުރި ކަނާތު ފައިގެ ކުޑަހުޅަށެވެ.
ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ޓުޗެލް ބުނީ ޔުނައިޓެޑާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ ލެގުގައި އަނިޔާގެ ސަބަބުން ނޭމާ އަށް ކުޅެވޭނެކަމާއި މެދު ސުވާލުއުފެދިފައިވާކަމަށެވެ.
"ވަރަށް އުނދަގޫ ވާނެ އަދި އެއްޗެއް ބުނަން. ހޮނިހިރު ދުވަހު ވެސް އަހަރެން ބުނެފައިވާނެ، އޭނާ ކުޅުމަށް އެނބުރި އަންނާނެ ދުވަހެއް މި ވަގުތު ބުނަން ނޭނގޭނެ ކަމަށް." ލީގުގައި ރޭނެސް އާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗަށްފަހު ކެނަލް ޕްލަސް އަށް ދިން އިންޓަވިއުގައި ޓުޗެލް ބުންޏެވެ.
ނޭމާ ނެތި ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރޭނެސް އަތުން 4-1 އިން ފަސޭހަކަމާއެކު މޮޅުވެ ލީގުގައި ވަނީ އެ ޓީމުން ބަލިނުވެ 20 މެޗު ހަމަކޮށްފައެވެ. ރޭގެ މެޗުގައި އެ ޓީމުގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ ދެ ލަނޑުޖަހައިދިންއިރު އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އެންހެލް ޑި މާރިއާ އާއި ކިލިއަން އެމްބާޕޭ އެވެ. މި މެޗުގައި ރޭނެސް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑުޖަހައިދިނީ އެމްބަޔޭ ނިއަންގް އެވެ.
ޕީއެސްޖީ އަށް ދެން އޮތީ ލީގުގެ ތިންވަނައިގައި އޮތް އޮލިމްޕިކް ލިޔޯން އާ ދެކޮޅަށް އަންނަ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހު ރަށުން ބޭރުގައި ކުޅޭ މެޗެވެ.