ސ. މަރަދޫ ޖަމިއްޔާއެއް ކަމަށްވާ ގޯދިއްޔާ އިން އިންތިޒާމުކޮށްގެން ބާއްވާ "ގޯދިއްޔާ މަރަދޫ ދާއިރާ ދެވަނަ ގުރުއާން މުބާރާތް" އަންނަ މަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ ޖޫން މަހުގެ 9 ވަނަ ދުވަހު ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން މަރަދު އާއި މަރަދޫފޭދޫގެ ސްކޫލްތަކާއި ގުރުއާން ކުލާސްތަަކަށް މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ފޮނުވާފައިވާ ކަމަށް ގޯދިއްޔާ އިން ބުންޏެވެ.
ބަލައިގެން ކިޔެވުމާއި ހިތު ދަސްކޮށްގެން ކިޔެވުމަށް ހުޅުވާލާފައިވާ މުބާރާތް ބާއްވަނީ އުުމުރުން 6-16 އަހަރަށް ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެންނެވެ.
އޮފިޝަލް ވިދާޅުވީ ހަމައެކަނި 9 ވަނަ ދުވަހު ކިޔެވުން ކުރިއަށް ގެންދާ ގޮތަށް ބާއްވާ މުބާރާތް އޮންނާނީ މަރަދޫ އިރުޝާދިއްޔާ ސްކޫލްގައި ކަމަށެވެ. އަދި މުބާރާޖް ޖަޖު ކުރާނީ އައްޑޫގެ ތަޖުރިބާރު ގާރީން ކަމަށް ވެސް ގޯދިއްޔާ އިން ބުންޏެވެ.
މުބާރާތުގައި މި ފަހަރު 42 ދަރަޖައަކަށް އިނާމް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މުބާރާތަށް އިނާމް ހުށަހެޅުމަށް ޝައުގުވެރިވާ އާންމު ރައްޔިތުންނަށާއި ވިޔަފާވެރިންނަށް ވެސް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ގޯދިއްޔާ އިން ބުންޏެވެ.
ގޯދިއްޔާ އިން ބުނީ ގުރުއާން މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އައްޑޫގެ ކުދިންނާއި ޒުވާނުންގެ މެދުގައި ގުރުއާނަށް ލޯބި ޖައްސައި އިސްލާމީ އަގީދާ ހަރުދަނާ ކުރުމަށް ބާރު އެޅުން ކަމަށެވެ.
މި މުބާރާތް މި ފަހަރު ހަމައެކަނި މަރަދޫ ދާއިރާ އަށް ހުޅުވާލައިގެން ބޭއްވި ނަމަވެސް ކުރިއަށް އޮތް ތަނުގައި މުޅި އައްޑު އަށް ހުޅުވާލައިގެން ބޭއްވުމަށް ގޯދިއްޔާ އިން ވަނީ ނިންމާފަ އެވެ. އަދި މުބާރާތަށް މި ފަހަރު ވެސް ބޮޑު ތަރުހީބެއް ލިބޭނެ އުންމީދު ބޮޑު ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
ގޯދިއްޔާގެ ފުރަތަމަ ގުރުއާން މުބާރާތް ބޭއްވީ 2011 ވަނަ އަހަރު އެވެ.