ބައެއް ކަހަލަ މަޝްރޫއުތަކަށް ބިޑުކުރުމެއް ނެތި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ސަރުކާރުން އަމިއްލަ ކުންފުނިތަކަށް މިއަދު ހުޅުވާލައިފިއެވެ.
ގެޒެޓުގައި އާންމުކޮށްފައިވާ އާ އުސޫލު ބުނާ ގޮތުން، ސަރުކާރުން އިއުލާން ކޮށްފައިނުވާ، އެހެން ނަމަވެސް އަމިއްލައަށް ކުންފުނިތަކުން އިސް ނަގައިގެން މުޖުތަމައު ތެރޭގައި ރަނގަޅު ކުރަން ފެންނަ ކަމަށް ހުރި ކަންތައްތަކަށް ދައުލަތުން ބިޑު ނުކޮށް އެ ކުންފުންޏަކަށް ޕްރޮޕޯސަލް ހުށައެޅޭނެ ކަމަށެވެ.
މިގޮތަށް އަމިއްލަ ފަރާތްތަކުން ހުށައަޅާ ޕްރޮޕޯސަލްތައް ބަލައިގަތުމަށް ސަރުކާރުން ވަނީ ތިން މަރުހަލާއެއް ވެސް ހަދާފައެވެ. ޕްރޮޕޯސަލެއް ފުރިހަމަވާނީ ތިން މަރުހަލާއިން ފާސްވެގެންނެވެ.
އެގޮތުން އެންމެ ފުރަތަމަ އިކޮނޮމިކް މިނިސްޓްރީ އަށް މިފަދަ ޕްރޮޕޯސަލެއް ހުށައެޅިއްޖެނަމަ އެ މިނިސްޓްރީން ޕްރޮޕޯސަލް އެސެެސް ކުރާނެއެވެ. ކުރުމަށް ފަހު ސަރުކާރުން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ނަމަ ސްޓްރެޓީޖިކް އެެސެސްމެންޓެއް ހަދައި ކުރިއަށްދާންވީތޯ ބަލާނެއެވެ.
ސަރުކާރުން ބުނެފައިވަނީ މިހުރިހާ ކަމެއް ކުރެވިގެންދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި ވަކި މީހަކަށް ނާޖާއިޒު ފައިދާ ހޯދުމަށް މަގުފަހިވާނެ އަމަލެއް ކުރިއަށް ނުދާނެ ކަމަށެވެ.
މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މުޖުތަމައުގެ ތަރައްގީއާއި ކުރިއެރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރާ ކަމެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.