ދިވެހި ރާއްޖޭގެ ފިލްމީ ދާއިރާގެ ފަންނާނުނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ޚާއްސަ ކޮމިޓީއެއް އެކަމާ ގުޅޭގޮތުން ވެސް ހެދުމަށް ނިންމައިފިއެވެ.
ކަލްޗާ އެންޑް ހެރިޓެޖް މިނިސްޓަރ ޔުމްނާ މައުމޫން ފަންނާނުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި އާންމު ފޯރަމުގައި ފަންނާނުންގެ ކަންބޮޑުވުންތައް އެއްސެވުމަށް ފަހު މިނިސްޓަރ ޔުމްނާ ވަނީ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކޮމިޓީއެއް ހައްދަވާނެކަން އިއުލާން ކުރައްވާފައެވެ.
ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ވަރަށް ގިނަ އެކްޓަރުންނާއި ޑައިރެކްޓަރުން އަދި ފިލްމް ޕްރޮޑިއުސަރުން ބައިވެރިވި މި ފޯރަމުގައި އަތޮޅުތެރޭގައި ފިލްމު އަޅުވައި އިޝްތިހާރު ކުރުމުގައި ހުރި ދަތިތަކުގެ ވާހަކަ ދަންނަވާފައެވެ. އަދި އާކައިވްއެއް ނެތުމުގެ ދައްޗާއި ފިލްމު ދައްކައި ޑިސްޓްރިބިއުޓް ކުރުމުގައި ވެސް ކުރިމަތިލާން ޖެހިފައިވާ ދަތިތަކުގެ ވާހަކަ ހިއްސާ ކުރިއެވެ.
އަތޮޅު ތެރޭގައި ފިލްމު ދެއްކޭނެ ނިޒާމެއް ގާއިމުކުރުމަށް ސިނަމާ ހޯލް ހެދުމަށް ޚިޔާލު ހުށައެޅިގެން ދިޔައެވެ.
ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ މިސަރުކާރަކީ އެއްވެސް ފިކުރެއް ގެންގުޅޭ ބަޔަކު ތަފާތު ކުރާނެ ސަރުކާރެއް ނޫން ކަމަށެވެ. ސަރުކާރު، ޚާއްސަކޮށް ހެރިޓެޖް މިނިސްޓްރީން ފިލްމް އިންޑަސްޓްރީއާ ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި ދަތިތަކަށް ކޮމިޓީ މެދުވެރިކޮށް ހައްލު ހޯދާ ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުއްލިއަކަށް ހުރިހާ ކަމެއް ހައްލުވެ ނުގޮސް ހިނގައިދާނެ ކަމަށާއި ނަމަވެސް އެއީ މިސަރުކާރުން ކަންތައް މަޑުޖައްސާލާނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މަޑުމަޑުން ކަންތައްތައް ހައްލުވެގެންދާނެ ކަމަށް ވެސް ފަންނާނުންނަށް ވިދާޅުވިއެވެ.