މި ބިންމަތީގައި އިންސާނުންގެ ދަރިފަސްކޮޅު ދެމި އޮތުމުގެ ސަބަބެއް ކަމުގައި މާތް ﷲ ލައްވާފައި ވަނީ، ކައިވެނި ކޮށްގެން ކުދިން ލިބުމެވެ. އަދި ކުދިން ލިބުމަކީ ދުނިޔޭގައި އިންސާނަކަށް ލިބޭ ގިނަ ގުނަ ނިޢްމަތްތަކުގެ ތެރެއިން ވަރަށް ވެސް ބޮޑު ނިޢްމަތެއް ކަން ކަށަވަރެވެ. ނަމަވެސް ކޮންމެ މީހަކީ މި ނިޢްމަތް ލިބޭ މީހެއް ނޫނެވެ. ބައެއް މީހުންނަށް ވަރަށް ފަސޭހައިން ކުއްޖަކު ލިބޭ އިރު، އަނެއް ބަޔަކަށް ގިނަ ދުވަސްތަކަކު އިންތިޒާރު ކުރުމަށް ފަހު ލިބޭތަން ވެސް އާދެއެވެ. އަދި އަނެއް ބަޔަކު މި ނިޢްމަތުން އެއްކޮށް މަޙްރޫމް ވެއެވެ. ފަހަކަށް އައިސް ދަރިން ލިބުން އުނދަގޫ ވެގެން އުޅޭ ދެމަފިރިން ފެންނަނީ މަދެއްކޮށް ނޫނެވެ. މާޔޫސް ކަމުގައި އުއްމީދުގެ ހުޅުކޮޅު ދިއްލޭތޯ އިންތިޒާރުގެ ދުވަސްތައް ގުނަމުންދާ މީހުންވަނީ ގިނަވެފައެވެ.
ކުއްޖަކު ލިބުން ލަސްވުމުން ކުރެވޭނެ ކަމަކީ ބައްޔެއް އުޅޭތޯ ބަލައި ފަރުވާ ހޯދުމެވެ. ނެތް ނަމަ ދުޢާ ކުރުމެވެ. އިންސާނަކު ކަމަކަށް އެދި ދަންނަވަން ހުރީ ހަމަ އެންމެ ފަރާތެކެވެ. އެއީ މާތް ﷲ އެވެ. އެ ކަލާނގެ ފިޔަވާ، މީހަކަށް ދަރިން ރިޒުޤު ކުރައްވާނެ އެއްވެސް ފަރާތެއް ނުވެއެވެ. ވީމާ މުސްލިމަކަށް ލިބިފައިވާ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ ކުރުން ކަމަށް ވަނީ ވެފައެވެ.
ބޭނުންވާ ކަންތައްތައް ފުއްދަވައި ދެއްވުން އެދި ކޮންމެ ވަގުތަކުވެސް މާތް ﷲ އަށް ދުޢާ ކުރެވިދާނެއެވެ. ނަމާދުގައިވެސް އަދި ނަމާދުން ބޭރުގައިވެސް ދުޢާ ކުރެވިދާނެއެވެ. ނަމަވެސް ދުޢާ އިޖާބަ ކުރުން ގާތް ވަގުތުތަކާއި ޢަމަލުތަކުގެ ތެރޭގައި ދުޢާ ކުރުން އެދެވިގެން ވެއެވެ.
ބޭނުން ކަންތައްތައް ފުއްދަވައިދެއްވުން އެދި މާތް ﷲ އަށް ދުޢާ ދަންނަވަން، ކުރާ ޚާއްޞަ ނަމާދެއް އޮންނަ ކަމަށް ބައެއް ޢިލްމު ވެރިން ވިދާޅުވެއެވެ. އެއީ " ޞަލާތުލް ޙާޖާ " އެވެ. މާނައަކީ ބޭނުމަކަށްޓަކައި ކުރެވޭ ނަމާދެވެ. އެއީ ހަމަ އާދައިގެ ދެ ރަކްޢަތް ނަމާދެކެވެ. އަދި ނަމާދަށް ފަހު އެ ބޭނުން ކަމަކަށް އެދި ދަންނަވައި ދުޢާ ކުރަނީއެވެ. މި ކަމާ ބެހޭ ގޮތުން ވާރިދުވެފައި ވާ ޙަދީޘަކީ: مَنْ تَوَضَّأ فَأسْبَغَ الوُضوءَ ثُمَّ صَلى رَكْعَتَيْن يُتِمهمَا أعطَاه الله مَا سَأل مُعجَّلا أو مُؤخَّرا
މާނައަކީ: "ވުޟޫކުރާއިރު ފުރިހަމައަށް ވުޟޫކޮށްގެން، އެއަށް ފަހު ދެ ރަކްޢަތް ފުރިހަމަ ކޮށްފި މީހާ އެދުނު ކަމެއް، އަވަހަށް ނަމަވެސް ލަހުން ނަމަވެސް މާތް ﷲ ފުއްދަވައި ދެއްވާނެއެވެ."
މި ނަމާދާއި ބެހޭ ގޮތުން އައިސްފައިވާ މި ޙަދީޘަކީ އެހާ ވަރުގަދަ ޙަދީޘެއް ނޫނެވެ. އެހެންވެ ބައެއް ޢިލްމު ވެރިން "ޞަލާތުލް ޙާޖާ" އޭ ކިޔާ ނަމާދެއް އޮންނަ ކަން ޤަބޫލެއް ނުކުރައްވައެވެ.
އިބްރާހިމްގެފާނަށް ދަރިކަލަކު ލިބިވަޑައި ނުގަނެ ޢުމުރުފުޅުން ދުވަސްވެ ވަޑައިގަތީމާވެސް ކުރެއްވީ ދުޢާއެވެ. އެ ހިނދު ދަރިކަލުން އިސްމާޢީލްގެފާނު ލިބިވަޑައިގަތެވެ.
ޒަކަރިއްޔާގެފާނު ވެސް، އެކަލޭގެފާނުގެ ފަހުން ނަބީކަން ވާރުތަ ކުރައްވާނެ ބޭފުޅަކު ނެތުމުން، ދަރިކަލަކު ލިބިވަޑައިގަތުމަށް އެދި ދުޢާ ކުރެއްވިއެވެ. އެ ހިނދު ޔަޙްޔާގެފާނު ލިބިވަޑައިގަތެވެ.
މިތާނގައި ދެން މި ބަލާލަނީ ބައެއް ނަބީބޭކަލުން ނުވަތަ ރަސޫލު ބޭކަލުން، ދަރިކަލުން ލިބިވަޑައިގަތުމަށް އެދި ކުރެއްވި ދުޢާތަކެވެ.
" هُنَالِكَ دَعَا زَكَرِيَّا رَبَّهُ قَالَ رَبِّ هَبْ لِي مِن لَّدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاء"
މާނައަކީ: "އެހިނދު އެތާގައި ޒަކަރިއްޔާގެފާނު އެކަލޭގެފާނު ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނގެއަށް ދުޢާ ކުރެއްވިއެވެ. ވިދާޅުވިއެވެ. އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! އިބަ ރަސްކަލާނގެ ޙަޟްރަތުން ހެޔޮވެގެންވާ ދަރިފަސް ކޮޅެއް ތިމަންކަލޭގެފާނަށް ދެއްވާނދޭވެ! ހަމަ ކަށަވަރުން އިބަ ރަސްކަލާނގެއަކީ އަޅުން ކުރާ ދުޢާ އައްސަވާ ވޮޑިގަންނަވާ ރަސްކަލާނގެއެވެ." (އާލްޢިމްރާން 38)
މި އާޔަތުގައި ވާ ދުޢާގެ ޢިބާރާތަކީ رَبِّ هَبْ لِي مِن لَّدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاء އެވެ.
އަދިވެސް އެހެން އާޔަތެއްގައި ވަނީ: وَزَكَرِيَّا إِذْ نَادَى رَبَّهُ رَبِّ لَا تَذَرْنِي فَرْداً وَأَنتَ خَيْرُ الْوَارِثِينَ * فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَى وَأَصْلَحْنَا لَهُ زَوْجَهُ إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَباً وَرَهَباً وَكَانُوا لَنَا خَاشِعِينَ
މާނައަކީ: "އަދި ޒަކަރިއްޔާގެފާނު މިފަދައިން ދުޢާ ކުރައްވާ ވިދާޅުވި ހިނދު، އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި އަޅާ އީ ދަރިއަކު ނެތް އެކަނި މީހެއް ކަމުގައި ނުލައްވާނދޭވެ! އިބަ ރަސްކަލާނގެއަކީ ހުރިހާ އެއްޗެއް ނެތި ދިއުމަށް ފަހުވެސް ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއެވެ * ދެން ފަހެ، އެހިނދު އެކަލޭގެފާނުގެ ދުޢާ އިޖާބަ ކުރައްވާ އެކަލޭގެފާނަށް ޔަޙްޔާގެފާނު ދެއްވާ، އެކަލޭގެފާނުގެ އަނބިކަނބަލުނަށް ދަރިއަކު ލިބޭ ގޮތަށް ރަނގަޅު ކުރެއްވީމެވެ. އެ ބޭކަލުން ވީ ހެޔޮކަންތައް ކުރުމަށް އަވަސްވެގަންނަ، އަދި ތިމަން ރަސްކަލާނގެ ޙަޟްރަތަށް އެދުމާއި ބިރުވެތި ކަމާ އެކު އަޅުކަން ކުރާ ބަޔަކު ކަމުގައެވެ. އަދި އެ ބޭކަލުން ވީ ތިމަން ރަސްކަލާނގެ ޙަޟްރަތަށް ކިޔަމަންތެރި ވާ ބަޔަކު ކަމުގައެވެ. (އަންބިޔާ 89 – 90)
މި އާޔަތުގައި ވާ ދުޢާގެ ޢިބާރާތަކީ رَبِّ لَا تَذَرْنِي فَرْداً وَأَنتَ خَيْرُ الْوَارِثِين އެވެ.
އިބްރާހީމްގެފާނު ކުރެއްވި ދުޢާގައި ވަނީ: رَبِّ هَبْ لِي مِنَ الصَّالِحِينَ * فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ
މާނައަކީ: "އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި އަޅާއަށް ޞާލިޙް ދަރިއަކު ދެއްވާނދޭވެ! * ދެން ތިމަން ރަސްކަލާނގެ އެކަލޭގެފާނުގެ ދުޢާ އިޖާބަ ކުރައްވާ، ޙިލްމުވެރި ދަރިކަލަކު ދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވީމެވެ. "
މި އާޔަތުގައި ވާ ދުޢާގެ ޢިބާރާތަކީ رَبِّ هَبْ لِي مِنَ الصَّالِحِينَ އެވެ.
ސޫރަތުލް ފުރްޤާންގެ 74 ވަނަ އާޔަތުގައި، މުއުމިނުންގެ ބައެއް ސިފަތައް ބަޔާން ކުރައްވަމުން މާތް ﷲ ވަޙީ ކުރައްވަނީ: وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَاماً
މާނައަކީ: "އަދި އެއީ ބުނާ މީހުންނެވެ. އަޅަމެން ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮއެވެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި ދަރިންގެ ކިބައިން، ހިތްތައް ހަމަޖައްސާ ދެނިވި ދަރިފަސްކޮޅެއް އަޅަމެންނަށް ދެއްވާފާނދޭވެ! އަދި ތަޤްވާވެރިންނަށް މަގު ދައްކާ ބަޔަކު ކަމުގައި އަޅަމެން ލައްވާފާނދޭވެ! "
މި އާޔަތުގައި ވާ ދުޢާގެ ޢިބާރާތަކީ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَاماً އެވެ.
ދަރިންނަކީ މާތް ﷲ ދެއްވާ ނިޢްމަތެކެވެ. އަދި ބައެއްފަހަރު މީހާއަށް ކުރެވޭ ފާފައިގެ ސަބަބުންވެސް ފަހަރެއްގާ ދަރިން ލިބުމުގެ ނިޢްމަތުން މިހާ މަޙްރޫމް ވެދާނެއެވެ. ވީމާ ދަރިން ލިބުމަށް އެދި މާތް ﷲ އަށް ދުޢާ ކުރާ އިރު، ފާފަތަކުން ދުރުވެގަނެ، ކުރެވިފައިވާ ފާފަތަކަށް ތައުބާ ވާން ޖެހޭނެއެވެ. މާތް ﷲ އަށް އިސްތިޣްފާރުކޮށް ދުޢާ ކުރުމަކީ ނިޢްމަތްތައް ތަނަވަސްވެ، ދަރިން ގިނަވާ ކަމެއް ކަމަށް، ޤުރުއާނުގައިވާ މި އާޔަތުން އެނގެއެވެ. ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ދީނަށް ގޮވާލައްވަމުން ވިދާޅުވީ، ﷲ އަށް އިސްތިޣްފާރު ކުރުމަށެވެ. އޭރުން އެކަލާނގެ، އުޑުން ވާރޭ ވެއްސަވާ، އެ މީހުންނަށް ދަރިން ދެއްވާ، ބަގީޗާތަކާއި ފެހި ދަނޑުތައް ދެއްވާނެ ކަމަށެވެ. ﷲ ވަޙީ ކުރައްވަނީ: قُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّاراً * يُرْسِلِ السَّمَاء عَلَيْكُم مِّدْرَاراً * وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَاراً
މާނައަކީ: "ފަހެ ތިމަން ކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައި މީހުން ހެއްދެވި ރަސްކަލާނގެ ޙަޟްރަތަށް އިސްތިޣްފާރުކޮށް ދަންނަވާށެވެ. ހަމަ ކަށަވަރުން ވެސް އެ ކަލާނގެ އީ ފާފަ ފުއްސަވާ ރަސްކަލާނގެއެވެ. * އޭރުން އެ ކަލާނގެ ތިޔަބައި މީހުންނަށް އުޑުން ވާރޭ ފޮނުއްވަވާނެއެވެ. އަދި އެ ކަލާނގެ ތިޔަބައި މީހުންނަށް މުދަލާއި ދަރިން ދެއްވާނެއެވެ. އަދި ތިޔަބައި މީހުންނަށްޓަކާ ބަގީޗާތަކާއި ފެން އާރުތައް ލައްވާނެއެވެ."
ދުޢާ ކުރުމުގައި މޮޅު އިތުރު ގޮތަކީ ޤުރުއާނުގައި ނުވަތަ ކީރިތި ރަސޫލާ އަހަރެމެންނަށް އުނގަންނަވައި ދެއްވާފައިވާ ދުޢާތަކުން ދުޢާ ކުރުމެވެ. އެއީ އެ ދުޢާތަކުގެ ޢިބާރާތް ފުރިހަމަވެ، ދުޢާގެ ޝާމިލް ކަން ބޮޑުވުމުންނެވެ. އަދި އެ ދުޢާތަކުގައި ﷲ ރުހިވޮޑިގަންނަވާ ސިފަފުޅުތަކާއި އިސްމުފުޅުތައް ހިމެނިފައި ވާތީއެވެ. އަދި މީގެ އިތުރަށް ﷲ ގެ ޙަޟްރަތުން އެދެން ނުވާ ކަހަލަ ކަމަކަށް ނޭދުމެވެ. އަދި ދުޢާ ކުރުމުގެ އަދަބިތަކަށް ރައްކާތެރި ވުމެވެ.
މިހެން މިކަން އޮތަސް، ކޮންމެ ބަހަކުން، ކޮންމެ ޢިބާރާތަކުން ވެސް، މާތް ﷲ އަށް ދުޢާ ދެންނެވިދާނެއެވެ. ވީމާ ދުޢާ ޤަބޫލު ކުރައްވާ ޝަރުޠުތައް ފުރިހަމަ ކުރުމަށްފަހު، އިޚްލާޞްތެރި ކަމާ އެކީ ދުޢާއެއް ކޮށްފިއްޔާ، މާތް ﷲ އެ ދުޢާ އިޖާބަ ކުރައްވާނެއެވެ. ވަގުތުން އިޖާބަ ނުވިއްޔާ ފަހުން ވާނެއެވެ. ސީދާ ގޮތެއްގައި ނަތީޖާ ނުފެނުނިއްޔާ ނު ސީދާ ގޮތެއްގައި، އެ އެދުނު ކަމަށް ވުރެ މޮޅު ކަމެއް ފުރިހަމަ ކޮށް ދެއްވާނެއެވެ.
މި ދުނިޔޭގައި އެ ދުޢާގެ ނަތީޖާއެއް ނުދެއްކެވިއްޔާ، މާތް ﷲ އޭނާއަށް އާޚިރަތް ދުވަހު އެ ދުޢާ ގެ ހެޔޮ އަސަރު މިންވަރު ކުރައްވާނެއެވެ. އަދި ދުނިޔޭގައި ދުޢާ އިޖާބަ ނުވުމުންވެސް ﷲ ގެ ރަޙްމަތްފުޅާ މެދު އުއްމީދު ކަނޑާ ނުލާ، ކުރި ވަރުގަދަ އިތުބާރާއި ޔަޤީންކަމަށް، ހެޔޮ ޝަޒާ އާޚިރަތް ދުވަހު ލިބޭނެއެވެ.
ހަނދާންކުރާށެވެ! ކޮންމެ ކަމަކީވެސް ޤަޟާ ޤަދަރުގެ ދަށުން ހިނގާ ކަމެކެވެ. ދަރިން ލިބުމަކީ މާތް ﷲ އިރާދަ ކުރެއްވި މީހަކަށް ދެއްވާ ނިޢްމަތެކެވެ. މިފަދަ މީހާ ދަރިން ލިބުމުން އެ ކަމަށް ޝުކުރުވެރިވެ، ﷲ އެންގެވި ގޮތަށް އުޅޭނެއެވެ. އަދި ބައެއް ފަހަރު އެއީ ކުރިމަތި ކުރައްވާ އިމްތިޙާނަކަށްވެސް ވެއެވެ. މިފަދަ މީހާ އަށް ދަރިން ލިބުމުން، އާޚިރަތް މަތިން ހަނދާން ނެތި ދުނިޔޭގެ އުފަލުގައި ޣަރަޤުވެދެއެވެ.
މުއުމިނުން ޤަބޫލު ކުރާ އަނެއް ކަމަކީ، ދަރިން ނުލިބުން އެއީ ކޮންމެހެން މީހާގެ ނަސީބު ދެރަ ކަމެއްވެސް ނޫނެވެ. ދަރިން ނުލިބުނީ ފަހަރެއްގާ މީހެއްގެ ހެވަކަށްވެސް ވެދާނެއެވެ. އަދި ދަރިން ނުލިބުމުން ލިބޭ ހިތާމައަށް ކެތް ކުރުމުގެ ސަބަބުން ތިމާގެ ދަރަޖަ ﷲ ގެ ޙަޞްރަތުގައި އުފުލެން މިންވަރު ކުރެއްވީ ކަމަށްވެސް ވެދާނެއެވެ.
ބަޤަރާ ސޫރަތުގެ 216 ވަނަ އާޔަތުން އަހަރެމެން މުސްލިމުންނަށް އުނގަންނައިދޭ ފިލާވަޅަކީ، ފަހަރެއްގާ މީހާ ލޯބި ކުރާ ކަމަކީ ގެއްލުމަކަށްވެސް ވެދާނެ ކަމެއް ކަމަށެވެ. އަދި ފަހަރެއްގާ މީހާ ނޭދޭ ކަމަކީ ހެވަކަށްވެސް ވެދާނެ ކަމެއް ކަމަށެވެ.
މައުލޫމާތު: އިސްމާޢީލް ނާޖީގެ ލިޔުމަކުން.
(މި ލިޔުމުގައި ދުޢާތަކާއި މާނަތައް ލިޔެފައިވާނީ އެ ލިޔުމުގައި ހުުރި ގޮތަށެވެ)