ވެނެޒުއޭލާގެ އިދިކޮޅު ލީޑަރ ޔުއާން ގައިޑޯ އަށް ގައުމު ދޫކޮށް ނުދެވޭ ގޮތަށް ޕާސްޕޯޓު ހިފެހެއްޓުމާއި އެކައުންޓުތައް ހިފަހައްޓައި، ސުޕްރީމް ކޯޓުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިކޮށްފިއެވެ.
ގައުމުގެ ރައީސް ކަމުގެ އާ ދައުރަކަށް މަޑޫރޯ ހުވާކުރެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވެ ގައިޑޯ އިސްވެ ހުންނަވައި ވެނެޒުއޭލާގައި ވަނީ ސިލްސިލާ ބޮޑު މުޒާހަރާތަކެއް ފަށާފައެވެ. މަޑޫރޯ ވޯޓުން ވައްކަން ކުރި ކަމަށާއި އެތައް ހާސް ވަގު ވޯޓެއް އެޅި ކަމުގެ ތުހުމަތު ކޮށް އޭނާއާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ގައިޑޯ ވަނީ މިދިޔަ ހަފްތާ ތެރޭ ގައުމުގެ ވަގުތީ ރައީސް ކަމާއި ހަވާލުވެފައިވާ ކަން އަމިއްލައަށް އިއުލާންކޮށްފައެވެ.
އޭނާގެ އެ ނިންމުމަށް އެމެރިކާއާއި ދެކުނު އެމެރިކާގެ ގިނަ ގައުމުތަކެއް ތާއީދު ކުރި ނަމަވެސް ރަޝިޔާއިން ވަނީ ރައީސް މަޑޫރޯއާ އެއްކޮޅަށް އަރާފައެވެ. ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ރަޝިޔާއިން ވަނީ ވެނެޒުއޭލާއަށް ސިފައިންވެސް ފޮނުވާފައެވެ. ރަޝިޔާގެ އިތުރުން ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުންވެސް ވަނީ ބޭރު ގައުމުތަކުން އެހެން ގައުމެއްގެ އެތެރޭގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމާއި ދެކޮޅަށް ވަކާލާތުކޮށްފައެވެ.
ސުޕްރީމް ކޯޓުން ކުރިމަތިކުރުވި ފިއްތުންތަކާ ގުޅިގެން ގައިޑޯ ބުނެފައިވަނީ މިއީ އާކަމެއް ނޫން ކަމަށާއި ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. ކޯޓަށް ހާޒިރުކުރުމުން އެއްވެފައިވާ ނޫސްވެރިންނަށް އޭނާ ބުނީ އެއްވެސް މީހަކު މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.
ނަމަވެސް ކޯޓު އަމުރާއި ރަޝިޔާ އަދި ކެނެޑާ ފަދަ ބާރުގަދަ ގައުމުތައް ރައީސް މަޑޫރޯއާ އެއްކޮޅަށް އެރުމުން ބެލެވެނީ ގައިޑޯގެ މަސައްކަތްތައް ނާކާމިޔާބުވެ ރައީސް ކަމުގައި މަޑޫރޯ ދެމިހުންނާނެ ކަމަށެވެ.