އިޓާލިއަން ކަޕްގައި ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އޭސީ މިލާން އާ ދާދިފަހުން ގުޅުނު ޕޮލެންޑްގެ ފޯވާޑް ކްރިސްޓޮފް ޕިއޮންޓެކް ކާމިޔާބުކުރި ދެ ލަނޑާއެކު ނަޕޯލީ ބަލިކޮށް އެ ޓީމުން ސެމީ އަށް ދަތުރުކޮށްފިއެވެ.
މި ދެ ޓީމު އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ މިލާންގެ ދަނޑުގައި ކުޅުނު މެޗު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވިނަމަވެސް ރޭގެ މެޗުން މިލާން މޮޅުވީ 2-0 އިންނެވެ.
ރޭގެ މެޗުގައި މިލާންގެ ޖާޒީގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި ޕިއޮންޓެކްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު މި ސީޒަނަށް ޖެނޯއާ އަށް ބަދަލުވެ ލީގުގައި ކުޅުނު 19 މެޗުގައި 13 ގޯލް ކާމިޔާބުކޮށް އޭނާ ހުރީ ވަރަށް ރަނގަޅު ފޯމެއްގައެވެ. ޕިއޮންޓެކް މިލާނަށް ބަދަލުވީ 35 މިލިއަން ޔޫރޯގެ ފީ އަކަށް މި ޖަނަވަރީ މަހުގެ ޓްރާންސްފާ ބާޒާރުގައެވެ. އޭނާ ގެނައީ މިލާން ދޫކޮށް ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށް ބަދަލުވި އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ގެ ބަދަލުގައެވެ.
މިލާންގެ ސެންސީރޯގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެން ނިކުމެ އުމުރުން 23 އަހަރުގެ ޕިއޮންޓެކް އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ 11 ވަނަ މިނެޓުގައެވެ. މިއީ އެ ޓީމުގެ ޑިއޭގޯ ލަޝާލްޓް ދިން ރީތި ޕާހަކުން ލިބުނު ބޯޅައެއް ގޯލްގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ޕިއޮންޓެކް ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގައި މިލާނުން ކާމިޔާބުކުރި ދެވަނަ ލަނޑު، 27 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ޕިއޮންޓެކް އެވެ. މިއީ ނަޕޯލީގެ ދެ ޑިފެންޑަރުން ކައިރިން ވަރަށް ރީއްޗަށް ނައްޓާލުމަށްފަހު ގޯލްގެ މަތީކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން މިލާން ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފަށް ނިކުތްއިރު ނަޕޯލީ އިން ކުޅުން ރަނގަޅުކުރިއެވެ. އެހެންނަމަވެސް، މި ހާފުގައި އެ ޓީމުގެ ފައުޒީ ގޫލާމް އާއި އެޑަމް އައުނަސް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި މެޗުގައި ނަޕޯލީ އަށް ލަނޑުޖެހުމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ އާކަޑިއުޝް މިލިކް ފޮނުވާލި ބޯޅަ މިލާންގެ ކެޕްޓަން އަލެސިއޯ ރޮމަނޯލީ ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، ފިއޮރެންޓީނާ އާއި ރޯމާގެ އިތުރުން އެޓަލާންޓާ އާއި ޔުވެންޓަސް ބައްދަލުކުރާ މެޗު ހިމެނެއެވެ. ކުއާޓާގެ ފަހު މެޗުގައި މާދަމާރޭ ވާދަކުރާނީ އިންޓަ މިލާނާއި ލާޒިއޯ އެވެ.