ފާއިތުވެދިޔަ ދެ އަހަރު ދުވަހު ތެރޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފޯރުކޮށްދީފައިނުވާ ފަރުވާ، މިސަރުކާރު އައިސްގެން ފާއިތުވެދިޔަ ދެ މަސް ދުވަސް ތެރޭ ދެވިފައިވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝެއިޚް އިމްރާން މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިއަށް ގެންދާ ހޯމް މިނިސްޓްރީގެ ޕްރެސް ކޮންފަރެންސެއްގައި، ނޫސްވެރިޔަކު އަދީބުގެ އާއިލާއާ ހަވާލާދީ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އިމްރާން ވިދާޅުވީ އެމަނިކުފާނުގެ އިދާރާއިން އަދީބާ މެދު އެއްވެސް އިހުމާލެއް ވެފައި ނުވާނެ ކަމަށާއި ދޭން ޖެހޭ ހުރިހާ ޚިދުމަތެއް އަދީބަށް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެއްވެސް ޒާތީ ކަމެއް އަދީބާ މެދު ސަރުކާރުން އަދި މިނިސްޓްރީން ވެސް ނުގެންގުޅޭ ކަމަށާއި، އަދީބާއި ސުވާލު ކޮށްލެއްވުމުން އަމިއްލައަށް އެވާހަކަތައް ތެދު ކުރާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
ޖަލުގައި އަދީބު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވަރަށް ލުއިކޮށް ކަމަށާއި، އެހެން ގައިދީންނަށް ނުދޭ ޚިދުމަތްވެސް އޭނާއަށް ލިބެމުން އަންނަ ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ. "އެބޭފުޅުން (އަދީބުގެ އާއިލާ) ވިދާޅުވީ މީގެ ކުރިން އަދީބު ބޭއްވީ ބަންދު ކޮށްޓެއްގައި ކަމަށް. މިހާރު އަދީބު ހުންނަނީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި. ބަންދުކުރެވެނީ ރޭގަނޑު 9 އިން ހެނދުނު 7 އަށް. ހެނދުނު 7 އިން ރޭގަނޑު 9 އަށް އަދީބު ހުންނަނީ ޔާޑަށް ދޫކޮށްލާފައި،" އިމްރާން ވިދާޅުވިއެވެ.
އަދީބުގެ ސިއްހީ ހާލު ބަލަން 24 ގަޑިއިރު ޑޮކްޓަރެއް ހުންނާނެ ކަމަށާއި ސީރިއަސް ކަމެއް ދިމާވެއްޖެނަމަ ވަގުތުން މާލެ ގެނެސް އިތުރު ފަރުވާ ދިނުމުގެ އިންތިޒާމުވެސް ހަމަޖެހިފައި އޮންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
ގޭބަންދުގެ މުއްދަތު ހަމަނުވަނީސް އަދީބު ޖަލަށް ބަދަލުކުރީ ޝެއިޚް އިމްރާން އަނިޔާ ދިނުމުގެ ގޮތުން ކަމަށް އަދީބުގެ އާއިލާއިން ވަނީ ބުނެފައެވެ. އަދި ގޭބަންދަށް ބަދަލުކޮށްދޭން ހައިކޯޓުގެ އަމުރަކަށް އެދިފައިވަނިކޮށް ހައިކޯޓުން ވަނީ މައްސަލާގައި ގޮތެއް ނިމެންދެން ގޭބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފައެވެ.