ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގެ ކަންކަން ހަމަޖެއްސީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ނޫން ކަމަށާއި، އެކަން ކުރެވިގެން ދިޔައީ މިނިސްޓަރު ކަމާއި އިމްރާން ހަވާލުވެސް ނުވަނީސް ކަމަށް ވިދާޅުވެ އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ، މިނިސްޓަރަށް ރައްދު ދެއްވައިފިއެވެ.
މިއަދު ހޯމް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ، މިދިޔަ ދެ އަހަރު އަދީބަށް ނުދޭ ފެންވަރުގެ ބޭސްފަރުވާ މި ދެމަސް ދުވަހު ދެވިފައިވާނެ ކަމަށެވެ.
ރައްދު ދެއްވަމުން ނަޝްވާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އަދީބަށް ބޭސްފަރުވާ ދޭން ފެށީ އެ ހައްގުން މަހްރޫމް ކޮށްފައިވާތާ ތިން އަހަރު ފަހުން ކަމަށެވެ. އަދި އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ކަމަށާއި އެއީ އިމްރާން މިނިސްޓަރު ކަމާއި ހަވާލުވުމުގެ ކުރީން ކަމަށެވެ.
އަދި އެކަން ކުރީ އޭރުގެ ސަރުކާރަށް (އަދީބުގެ ހާލަތު ހުރި ގޮތުން) ކުރަން މަޖުބޫރު ވެގެން ކަމަށް ނަޝްވާ ބުނެފައިވެއެވެ. ޝެއިޚް އިމްރާން ކުރެއްވި ކަމަކީ ޑޮކްޓަރުގެ އިރުޝާދާއި ޚިލާފަށް ދެމަސް ނުވަނީސް އަދީބު ޖަލަށް ގެންދިއުން ކަމަށް ބުނެ ފާޑުކިޔާފައިވެއެވެ.
އިމްރާން ވިދާޅުވީ އަދީބު ކުރިން ކުޑަ ގޮޅިއެއްގައި ބަންދުކޮށްފައި ބެހެއްޓި ނަމަވެސް މިހާރު ހުންނަނީ ޚާއްސަ ޔުނިޓެއް ގައި ކަމަށެވެ. އަދި ރޭގަނޑު 9 އިން ހެނދުނު 7 އަށް ބަންދުކުރުމަށް ފަހު އެހެން ހުރިހާ ގަޑިއެއްގައި ޔާޑަށް ދޫކޮށްލާފައި ހުންނަވާ ކަމަށާއި ކައިރީގައި އަބަދުވެސް މީހަކު އުޅޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.