(މެއި 29، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ސާހިލްއަކީ ކުޑަ ދުވަސްކޮޅެއް ތެރޭ މަޝްހޫރު ލަވަ ކިޔުންތެރިއަކަށް ވި އެވެ. ވިއާމާ އޭނާގެ ހުރިހާ ވަގުތެއްމެ ހުސް ކުރީ ސާހިލްގެ ކަންތަކުގަ އެވެ.
އެއްވެސް ކަމެއް އުނި ނުވާ ގޮތަށެވެ. ކުރިއަށް ހުރި ޕްރޮގުރާމްތައް ސާރާ ވިއާމާ އަށް ކިޔައި ދިނެވެ. ޖެހިގެން އަންނަ ހަފްތާ ސާހިލް އިންޑިޔާ އަށް ގެންދިޔުމުގެ ހުރިހާ ކަމެއް މިހާރު އޮތީ އެއްކޮށް ނިމިފައެ ވެ. އެއް ދުވަހު ވިއާމާ ބޭރުން ގެއަށް އައި އިރު ސާހިލް ހުރީ ވަރަށް ބޮޑަށް ކަމަކާ ރުޅި އައިސްފަ އެވެ.
"ވިއާމާ. އަހަރެން އިންޑިޔާއަކަށް ނުދާނަން."
"ނޫނޭ…ސާހިލް. މިހާރު އަހަރެމެން ދެ މީހުން އިންޑިޔާ އަށް ދާން އަހަރެން ޓިކެޓް ވެސް ނަގައިފިން. އަދި ސާހިލްގެ އެކައުންޓަށް ވިޝާމްމެން ފައިސާ ވެސް ޖަމާކޮށްފި. މާދަމާގެ ރެކޯޑިން ކާމިޔާބު ވެއްޖެއްޔާ އިތުރަށް އަހަރެމެންގެ ޙަޒާނާ މުއްސަދި ވާނެ. ތީ ހަމަ ރޮކްސްޓާއެއް މިހާރު." ވިއާމާގެ މިއިން އެއްވެސް ވާހަކައަކުން ސާހިލްގެ ހިތް ހަމަޖެހޭ ގޮތެއް ނުވި އެވެ.
އެވަގުތު ފޯނު ރިންގުވާން ފެށި އެވެ. ސާހިލް އިނީ ފޯނު ކައިރީގައިކަމުން ވަގުތުން އޭނާ ފޯނު ނެގި އެވެ. އަދި ވާހަކަ ނުދެއްކިގެން އުޅެނިކޮށް އެކޮޅުން ވާހަކަ ދައްކާން ފެށި އެވެ.
އޭނާ އަށް އިވުނު އަޑަކީ ހަމަ ގައިމު ވެސް އޭނާގެ ސާރާގެ އަޑެވެ. އަވަހަށް ވިއާމާ ފޯނު އަތުލި އެެވެ. އޭނާއަށް ހަމަ އެކަނި އިިވުނު ހާ ވެސް އަޑަކީ ޓިކެޓް ކޮންފޯމް ކުރީ ކޮން ދުވަހަކަށް ތޯ އެވެ.
އެކަމަކު މިއީ ސާރާގެ އަޑެވެ. ނޫނީ މަލްހާ ގެ އަޑެވެ. އެހެންވެއްޖެއްޔާ މަލްހާ އަށް އަހަރެން އިންޑިޔާ އަށް ދިޔުމާ މެދު އޮތީ ކޮން ވާހަކައެއް ބާވަ އެވެ. މިއީ ސިއްރު ނޭނގޭ އޮޅުން ބޮޅުމެކެވެ. ސާހިލް ވިސްނަމުން ދިޔަ އެވެ. ވިއާމާ ފޯނު ހިފައިގެން ދިޔައީ ދުރަށް ކަމުން އެ ދެ މީހުން ދެއްކި އެއްވެސް ވާހަކައެއް ސާހިލްއަކަށް ނީވުނެވެ.
ވިއާމާ ފޯނު ހިފައިގެން ކޮޓަރިން ބޭރަށް ނިކުތެވެ.
"މަލް…ފޯނު ނެގީ ސާހިލް…ތީނަ ވާހަކަ ދެއްކި އަޑު ހަމަ ރީތިކޮށް އިވޭނެ."
"އަސްލުވެސް. ވިއާމާ…މި ސިއްރު ބޭޒާރު ނުކޮށް ހިފަހައްޓަ ދޭތި."
ދެން އެ ދެ މީހުން ދެއްކި ވާހަކައެއް ދެއްކީ ވަރަށް ސިއްރުންނެވެ. ހަމަ އެކަނި އިވޭހާ ވެސް އަޑަކީ ވިއާމާ އާނހޫނއެއް ލައްވާ އަޑާއި އެހެން ދޯ އެކޭ ކިޔާލާ އަޑެވެ. އެ ވަގުތު ސާހިލް ޕްރެކްޓިސް ކުރަމުން ދިޔަ ލަވައިގެ އަޑު އިވެން ފެށި އެވެ.
ވިއާމާ ފޯނު ކަޑާ ނުލައި ސާރާ އަށް އެ އަޑު އިއްވާން އެތެރެ އަށް ދިޔަ އެވެ.
"ސަތޭކަ ފަހަރު އަހަރެން ދުނިޔެ އަށް ކަލާއަށް ޓަކާ އަންނާނަމެވެ.
ސަތޭކަ ފަހަރު އަހަރެން ފަނާވިޔަސް ވަރިހަމަ އެވެ.
އޭ ލޯބިވެރިޔާ އެވެ. ދެން ވެސް އަހަރެން ކަލެއަކާ ވަކިނުވާނަމެވެ.
އަހަރެމެންގެ ނަސީބު އަހަރެމެން މި ގޮތަށް ދުރު ކުރުވާނީ ކިހާ ދުވަހަކު ހެއްޔެވެ.
އޭ ލޯބިވެރިޔާ އެވެ. ސަތޭކަ ފަހަރު އަހަރެން ދުނިޔެ އަށް އަންނަން ޖެހުނަސް އަންނާނީ ހަމަ ކަލާއަށްޓަކަ އެވެ.
މި ލޯތްބަށްޓަކާ ތެދުވެރިކަމުގެ ނަމޫނާއަކަށް އަހަރެން ވާނަމެވެ.
ކަލާގެ ފައިތިލާގެ ނިޝާން ހޯދަމުން އަހަރެން ކަލާ ހޯދާނަމެވެ.
އެއީ މަގޭ މަންޒިލް ކަމަށް ވެސް މަ ހަދާނަމެވެ.
ލޯބިވެރިޔާ އެވެ. އަހަރެން ކަލާ އާ ދުރަކަށް ނުދާނަމެވެ.
މިއީ ހަމައެކަނި ވަގުތީ ވަކިވުމެކެވެ.
އަހަރެންގެ ހިތުގައި ކަލާއަށްޓަކައި އުއްމީދުގެ ބައްތިތަކެއްވެ އެވެ
ސަތޭކަ ފަހަރު އަހަރެން ދުނިޔެ އަށް ކަލާއަށް ޓަކައި އަންނާނަމެވެ.
ސަތޭކަ ފަހަރު އަހަރެން ފަނާވިޔަސް ވަރިހަމަ އެވެ."
ސާހިލް ލަވަ ކިޔަމުން ކުރިއަށް ދިޔަ އެވެ. ވިއާމާ ސާހިލްގެ ލަވަ އަޑު އަހަން ހުއްޓެވެ.
މީރާ އާއި މުރާދު މަދުރާއީގެ ބަގީޗާގައި އަތާއި އަތް ގުޅުވައިގެން ހިނގާލަން ދިޔަ އެވެ. އެތަށް ދުވަހަކަށް ފަހު މީރާގެ އުއްމީދު ފުރިހަމަ ވީ އެވެ. އާއެކެވެ. މިއަދު މުރާދު އޭނާ ދެކެ ލޯބި ވާވާހަކަ ބުނެ އިޢުތިރާފްވި އެވެ.
"މީރާ…އަހަރެންގެ މަންމަމެން މީރާ އާ ވަރަށް ޤަބޫލު. އަހަރެން ބޭނުން ވަނީ މީރާގެ އިއުތިރާޒެއް ނެތީއްޔާ ކައިވެނީގެ ވާހަކަ ދެއްކުމަށް މީރާގެ ބައްޕަ އާ ބައްދަލު ކުރަން މާލެ ދާން ދަތުރު ފެށުމަށް." މުރާދުގެ އެ ވާހަކައިން މީރާ ލަދުން މޯޅިވެލި އެވެ. އަދި ދެ އަތުން މޫނު ފޮރުވާލި އެވެ. މުރާދު މީރާގެ އަތް މޫނުން ނައްޓުވާލި އެވެ. އަދި ކުރިމަތިވާ ގޮތަށް ހުއްޓިލައިގެން ސުވާލު ކުރި އެވެ.
"މީރާ އަހަރެންގެ ބައިވެރިއަކަށް ވުމަށް ޤަބޫލްތަ؟" މީރާ އާނއެކޭ ބުނާހެން ބޯ ޖަހާލި އެެވެ. އަދި ދުއްވައިގަތެވެ. އެވަގުތު މުރާދު މީރާއަށްޓަަކައި ލަވަ ކިޔަން ފެށި އެވެ.
"މި ވާދީގައި މިއަދު ހުރިހާ ކަމެއް މި ވަނީ ހަމަ އަހަރެންނާ ކަލާއަށްޓަކާ އެވެ.
މި މަގުތަކާ މި މެހެފިލް މިވަނީ ހަމަ އަހަރެމެންނަށްޓަކަ އެވެ.
ވީ އިރު ދުރަށް އަހަރެންނާ މާ ދުރަށް ކަލާ ތިޔަ ދަނީ ކޮން ތާކަށް ހެއްޔެވެ.
ކަލާގެ ޙިޔާލުތަކަށް އަހަރެން ގެއްލިފައިވީ ދުވަސްތަކުގެ ބަދަލު މިއަދު ކަލާ އަހަރެންނަށް ދޭށެވެ.
ކަލާ ފިނިފެން މަލެއް ފަދައިން އަހަރެންނަށްޓަކާ ފަރިވާތަން އަހަރެން ދެކެމެވެ.
އަހަރެމެންގެ ބައްދަލުވުމަކީ މުއުޖިޒާތެއް ނޫނެވެ."
(ނުނިމޭ)