އިލެކްޝަންސް ކޮމިޝަނުން ކުރިއަށް އޮތް އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ވޯޓު ސައްޚަ މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.
ލިސްޓު އާންމު ކުރުމަށްފަހު މައްސަލައެއް އޮތްނަމަ ޝަކުވާ ހުށައެޅުމުގެ ފުރުސަތު ފެބްރުއަރީ 9 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލާ ތަން ނޫން އެހެންތަނަކަށް މަޖިލިސް އިންތިޚާބުގައި ވޯޓުލާން އެދޭ ފަރާތްތަކުން މިފަހަރުވެސް ރީރަޖިސްޓާ ކުރަން ޖެހޭނެ ކަމަށެވެ.
ނަމަވެސް ރިޔާސީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓާ ކުރި ތަނުގައި މިފަހަރުވެސް ވޯޓުލާން އެދޭނަމަ ރީރަޖިސްޓާ ކުރަން ނުޖެހޭނެ ކަމަށް އީސީން ބުނެފައިވެއެވެ.
މަޖިލިސް އިންތިޚާބުގެ ވޯޓު ފޮށިތައްވެސް އިންޑިޔާއާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އަދި ބެންކޮކުގައި ބެހެއްޓުމަށް މިފަހަރު ހަމަޖެހިފައިވެއެވެ.