ދަނގެތި ދާއިރާއަށް ވާދަކުރާ ކުރީގެ ޑިފެންސް މިނިސްޓަރ، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވައިފިއެވެ.
ނާޒިމް ރައީސް ސޯލިހާ ބައްދަލުކުރެއްވީ އެ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސަށް ދެންނެވުމަށް ކަމަށް ވިދާޅުވިއެވެ. ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައްޔިތުންގެ މައިގަނޑު ކަންބޮޑުވުންތަކާއި ޝަކުވާތައް އެއްސެވި ކަމަށާއި އެކަންތައް މިހާރު ރައީސް ސޯލިހާ ހިއްސާ ކުރެވިފައިވާ ކަމަށް ނާޒިމް ޓުވިޓާގައި ހާމަކުރެއްވިއެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ދާއިރާގެ ކުރިއެރުމަށް ކުރެވެން އޮތް ކަންތައްތަކާ ގުޅޭގޮތުން ރައީސާ މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް ވެސް ނާޒިމް ވިދާޅުވެފައިވެއެވެ.
ނާޒިމް ވަނީ ޖޭޕީ ކެންޑިޑޭޓުންގެ ތެރެއިން މަޖިލިސް އިންތިޚާބަށް އެންމެ ފުރަތަމަ ކެމްޕޭނު ފެއްޓެވި ކެންޑިޑޭޓަށް ވެފައެވެ. މާލޭގައި ބޭއްވި ޖަލްސާއެއްގައި ނާޒިމް ވަނީ ކެމްޕޭނު ޝިއާރާއި ލޯގޯ އަދި ލަވަވެސް ތައާރަފްކޮށްފައެވެ.