ޤައުމީ ތަރައްޤީގައި ފާހަގަކުރެވޭ ޙިއްޞާއެއް އޮވެ، ޤައުމަށް ބޮޑެތި ލާބަޔާ މަންފާލިބޭ ޚިދުމަތް ކޮށްދީފައިވާ އަންހެނުންގެ އަގުވަޒަންކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކޮންމެ އަހަރަކު ދޭ "ރެހެންދި އެވޯޑު" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފި އެވެ.
ޖެންޑަރ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު އަންނަ ފެބްރުއަރީ މަހުގެ 10 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ހުޅުވާލަފައިވާ ކަމަށެވެ.
އެވޯޑަށް އަމިއްލަ އަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުޞަތު އަދި މުއައްސަސާ، އޮފީސް އަދި ކުންފުނިތަކުން ނަން ހުށަހެޅުމުގެ ފުރުޞަތު ވެސް އޮންނާނެ އެވެ.
އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ޖެންޑަ މިނިސްޓްރީހެ ވެބްސައިޓުން މިހާރު ޑައުންލޯޑު ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީwww.gender.gov.mv އެވެ.
މިދިޔަ އަހަރުގެ "ރެހެންދި އެވޯޑް" ތިން ފަރާތަކަށް ވަނީ ދީފައެވެ. އެއީ ހ. މާހާ އައިމިނަތު ވަހީދާ އާއި، ޅ. ނައިފަރު، ސީސައިޑް، ފާތުމަތު ނަޝްވާއާއި، ނ. ކުޑަފަރީ ލަކީ ކޯނާ، ޒޫނާ ނަސީމަށެވެ.