މިދިޔަ އަހަރު ވެގެންދިޔައީ ގިނަ އަދަދެއްގެ ފިލްމީ ތަރިންގެ ކައިވެނިތައް ފެނިގެންދިޔަ އަހަރަކަށެވެ. މިދިޔަ އަހަރު ނިމިގެން ގޮސްފައި ވަނީ މަޝްހޫރު ތަރިން ކަމުގައިވާ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އަދި ދީޕިކާ ޕާދުކޯން އާއި ރަންވީރް ސިންގްގެ ކައިވެންޏާއެކު އެވެ.
އެންމެ ފަހުން ކައިވެނި އިއުލާންކުރި ތަރިންގެ ތެރޭގައި ހިމެނެނީ އެމީ ޖެކްސަން އެވެ. ބްރިޓިޝް އެކްޓަރު އަދި މޮޑެލް އެމީ ޖެކްސަން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ލޯބިވެރިޔާ ޖޯޖް ޕަނަޔޯޓޫ އާއެކު އެންގޭޖްވި ޚަބަރު ފޭނުންނާއި ހިއްސާކޮށްފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމީ އާއި ޖޯޖްގެ ކައިވެނި އޮންނާނީ އަންނަ އަހަރުގެ ކުރީކޮޅު ގްރީސްގައެވެ. އެ ކައިވެނި ވެގެންދާނީ ކްރިސްޓިއަން ކައިވެންޏަކަށެވެ.
ކައިވެންޏަށްފަހު ދެމަރިފިން އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އެމީ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ޝަންކަރް ޕެނިކަރ ޑައިރެކްޓްކުރި ފިލްމް "2،0" އިންނެވެ. އެ ފިލްމްގައި އިންޑިއާގެ އެންމެ ބޮޑު ދެ ތަރިން ކަމުގައިވާ ރަޖްނިކާންތު އާއި އަކްޝޭ ކުމާރް ވަނީ ޙަރަކާތްތެރިވެފަ އެވެ. އެ ފިލްމް ވަނީ ބޮކްސް އޮފީހުގައި 800 ކްރޯޑް ރުޕީސް ހޯދާފައެވެ.