އޭޝިއަން ކަޕްގެ ފައިނަލްގައި ޖަޕާން އަތުން 3-1 އިން މޮޅުވެ ގަތަރުން މި މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލައިފިއެވެ.
ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި ރަނގަޅު ފޯމެއްގައި އޮތް ގަތަރު މީގެކުރީން އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލަށް ވުރެ ދުރަށް ދަތުރުކޮށްފައިނުވާއިރު މި މުބާރާތުގެ ފައިނަލުން ޖާގަ އެ ޓީމުން ހޯދިއިރު ބައިކޮޅަށް އެންމެ ގޯލެއްވެސް ވަދެފައިނުވާއިރު 16 ގޯލް ކާމިޔާބުކޮށްފައިވެއެވެ.
އަބޫ ދާބީގެ ޒާއިދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ކުރީން ލީޑް ނެގީ ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަށް ގަތަރުންނެވެ. 12 ވަނަ މިނެޓުގައި މިލަނޑު އެ ޓީމަށް ޖަހައިިދިނީ އަލް-މޮއިޒް އަލީ އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން އޯވާހެޑް ކިކަކުން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ. މި ގޯލާއެކު އޭނާ ވަނީ މި މުބާރާތުގައި 9 ގޯލް ހަމަކޮށް އޭޝިއަން ކަޕްގެ އެއް މުބާރާތުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީގެ ރެކޯޑް މުގުރާލައިފައެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ގަތަރުގެ ދެވަނަ ލަނޑުޖަހައިދިނީ އަބްދުލް އަޒީޒް ހާތިމް އެވެ. މިއީ ޖަޕާނުގެ ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މި ހާފު ނިމުނީ 2-0 އިން ގަތަރު ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ޖަޕާންގެ ކުޅުންތެރިންނަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްވަނީ ނުވެފައެވެ. އެގޮތުން، އެ ޓީމުގެ މާޔާ ޔޮޝީޑާ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތްނުވިއިރު ސުކާސާ ޝިއޮޓާނީ ފޮނުވާލި ހަމަލާ ގަތަރުގެ ކުޅުންތެރިން ވަނީ ދިފާއުކޮށްފައެވެ. އޭގެފަހުން، މި ހާފުގައި ކުޅެން ނިކުތް ޖަޕާނުގެ ޔޮޝިނޯރީ މޫޓޯ އަށް ލިބުނު ދެ ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.
މެޗުގެ 69 ވަނަ މިނެޓުގައި ޖަޕާނުގެ ޔޫޔާ އޮސާކޯ ތަނަވަސްކުރި ފުރުޞަތަކުން ޓަކޫމީ މިނަމީނޯ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.
މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ގަތަރަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް އަލުން ދެލަނޑުގެ ލީޑް ހޯދައިދިނީ އަކްރަމް އަފީފް އެވެ.
މި މެޗުން ހޯދީ މޮޅާއެކު ގަތަރު ވަނީ ޖަޕާން އާ ދެކޮޅަށް މި މުބާރާތުގައި ވާދަކުރި ފަސް މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފައެވެ. ދެ މެޗުން އެއްވަރުވެފައިވާއިރު ޖަޕާނަށް މޮޅުވެވިފައިވަނީ އެންމެ ފަހަރަކުއެވެ.
މެޗަށް ފަހު މި މުބާރާތުގެ އެކި މަގާމްތަކަށް ހޮވުނު ކުޅުންތެރިންނަށް އެވޯޑް ހަވާލުކުރިއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަތަރުގެ އަކްރަމް އަފީފް އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ގަތަރުގެ ސާދް އަލް-ޝީބް ހޮވުނުއިރު މުޅި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެންމެ ގިނަ ލަނޑުޖެހި ގަތަރުގެ ފޯވާޑް އަލް-މޮއެޒް އަލީ އެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ ޖަޕާނެވެ.